މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާ ކަމަށް އެ މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
މިގޮތުން އެންމެ ފާހަގަކޮށްލެވޭ ހަރަކާތެއްގެ ގޮތުގައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އަމާޒުކޮށްގެން މަރުހަބާ ކިޔުމުގެ ހަރަކާތެއް 27 ސެޕްޓެމްބަރ 2025 ވާ ހޮނިހިރު ދުވަހު ރާއްޖޭގެ ހުރިހާ އެއަރޕޯޓްތަކުގައި ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތަކީ ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ގުޅިގެން ކުރިއަށް ގެންދެވޭ ހަރަކާތެކެވެ. މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމްޢިއްޔާ، ޔޫ.އެން ޓޫރިޒަމްއިން ވަނީ "Tourism and Sustainable Transformation" ކަނޑައަޅާފައެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 27 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ މުހިންމުކަން ފާހަގަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި ސިނާޢަތު ކުރިއެރުވުމަށް މަސައްކަތްކުރުމެވެ.