މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ އިންތިޚާބު ބާއްވާކަށް މާބޮޑު ގޮންޖެހުންތަކަކާ ކުރިމައްޗެއް ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވި ގޮތުގައި މި އިންތިޚާބަކީވެސް އެ ކޮމިޝަނުން ބާއްވާ އެހެން އިންތިޚާބުތަކެކޭ އެއްފަދައިން ހުރިހާ މަރުހަލާތަކެއް ފުރިހަމަކޮށްގެން ކުރިއަށް ގެންދާނެ އިންތިޚާބެކެވެ. އަދި މި އިންތިޚާބު ބޭއްވުމަށް އިތުރު ބަޖެޓެއް ނުވަތަ މުވައްޒަފުން ބޭނުންވާނެ ކަމަށް ނުދެކޭ ކަމަށާއި، މިހާރު ހުރި ވަސީލަތްތަކުން މި އިންތިޚާބު ބޭއްވުމަށް އެއްވެސް ހުރަހެއް ނެތް ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
"އިލެކްޝަންސް ކޮމިޝަންގެ ޓީމަށް މިވަރުގެ އިންތިޚާބެއް ބާއްވާކަށް މާބޮޑު ގޮންޖެހުންތަކަކާ ކުރިމައްޗެއް ނުވާނެ. ޚަރަދަށް ބަލާއިރުވެސް އެވެސް އަޅުގަނޑުމެން ބެލީ މިވަގުތު ދައުލަތުގެ މާލީ ތަނަވަސްކަމާއި އަޅުގަނޑުމެންގެ އިގްތިސާދާއި މި ހުރިހާ ހާލަތަކަށްބަލާއިރު އަޅުގަނޑުމެން މިހާރުވެސް މިގެންގުޅޭ ބަޖެޓުގެ ތެރެއިން އަޅުގަނޑުމެންނަށް މިކަން ކޮށްލެވެން ވާނެއޭ. އެހެންވީމަ އަޅުގަނޑުމެން އިތުރަކަށެއް މިއަކަށް ބަޖެޓެއް ނުވަތަ ފައިސާއެއް ހޯދާކަށް ނޫޅޭނަމޭ،" އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ އިންތިޚާބު އަންނަ މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށެވެ. މި އިންތިޚާބަކީ މީޑިއާ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މަސްލަހަތު ހިމާޔަތްކުރުމަށް އުފައްދާފައިވާ މުހިންމު މުއައްސަސާއެއްގެ އިންތިޚާބު ކަމުގައިވާތީ، މި އިންތިޚާބަށް މީޑިއާ ދާއިރާގެ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރަމުންދާކަން ފާހަގަކުރެވެއެވެ.