މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި، އެންޑީއޭއާއި އެޗްޑީސީއާއި ޔޫއެންއޯޑީސީ އަދި ޖަޕާނު އެމްބަސީ ގުޅިގެން "އެންމެން އެކީ" ގެ ނަމުގައި ހުޅުމާލޭގައި ޚާއްސަ ހަރަކާތެއް ބާއްވައިފިއެވެ.
މި ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކުގައި ބޭއްވި މި ހަރަކާތުގައި ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުގެ އިތުރުން ކުންފުނިތަކުން ވެސް ސްޓޯލްތައް ބަހައްޓާފައިވެއެވެ.
ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު ވިދާޅުވީ، "ކަންކަން ހިންގަމުންދަނީ އޭގެ ޒާތުގައި ބައެއް ފަރާތްތަަކަށް އޭގެ އެންމެ މުހިންމު މައުލޫމާތުތައް ފޯރުކޮށްނުދެވިފައިވާތީއާއި ގުޅިގެން މަސައްކަތް ނުކުރެވޭތީ" ކަމަށެވެ. އަދި "އެކަމަކު މިއަދު އަޅުގަނޑުމެން އެންމެން ގުޅިގެން މިތާ ދިރިއުޅޭ ރައްޔިތުންނަށް ދޭންޖެހޭ މުހިންމު މައުލޫމާތުތައް ދެވި މިފަދަ މައްސަލަތަައް ހައްލުކުރެވޭނެ" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޖަޕާނުގެ ސަފީރު އިޝިގާމީ ރުމީކޯ ވާހަކަފުޅު ދައްކަވަމުން ފާހަގަކުރެއްވީ މުސްތަޤުބަލުގެ ބިންގަލަކީ ޒުވާން ޖީލުކަމަށާއި، އެ ޖީލު މަސްތުވާތަކެތީގެ މައްސަލަތަކުން ރައްކާތެރިކުރުމަށް އިސްކަންދޭންޖެހޭ ކަމަށެވެ. "މި މައްސަލަތަކާ ކުރިމަތިލުމުގެ އެންމެ ހަރުދަނާ ގޮތަކީ ތަޢުލީމާއި، ހޭލުންތެރިކަން އިތުރުކުރުމާއި، އަދި އެކަމާ ގުޅޭގޮތުން އިޖާބީ ގޮތެއްގައި ބައިވެރިވުމުގެ ތެރެއިން މައްސަލަ ކުރިމަތިވިޔަ ނުދިނުން" ކަމަށް ސަފީރު ވިދާޅުވިއެވެ.
މި ހަރަކާތަކީ މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ސަރުކާރުގެ އެކި މުއައްސަސާތަކާއި ބައިނަލްއަޤްވާމީ ޖަމިއްޔާތައް ގުޅިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭއްވި ހަރަކާތެކެވެ.