ސައީދުއަށް އެކަނި މިވަރުގެ ވައްކަމެއް ނުކުރެވޭނެ، ބައި އެޅި މީހުން ފަޅާއަރަމުން މިދަނީ: އާދަމް ޝަރީފް

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 8ސ
ސައީދުއަށް އެކަނި މިވަރުގެ ވައްކަމެއް ނުކުރެވޭނެ، ބައި އެޅި މީހުން ފަޅާއަރަމުން މިދަނީ: އާދަމް ޝަރީފް

ފެނަކަ ކޯޕަރޭޝަނުން 2.2 ބިލިއަން ރުފިޔާގެ ބޮޑު ވައްކަމެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި، ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު އެކަނި މިފަދަ ބޮޑު ވައްކަމެއް ނުކުރެވޭނެ ކަމަށާއި، މި ހިޔާނާތުގައި ގިނަ ބަޔަކު ބައިވެރިވެފައިވާކަން ދަނީ ހާމަވަމުން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި އާދަމް ޝަރީފް ވިދާޅުވެފައިވަނީ، އެމްޑީޕީ ސަރުކާރުން މުޅި ދައުލަތް ލޫޓުވަމުންދާ މައްސަލައާއި، ފެނަކަ އަދި ވެންޓިލޭޓަރުގެ ކޮރަޕްޝަންގެ މައްސަލަ، އޭރު މަޖިލިސް މެންބަރަކަށް ހުންނެވިއިރު ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެންނެވި ކަމަށެވެ. ނަމަވެސް އެމްޑީޕީ ސަރުކާރުން އެމްޑީޕީ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުންނާއި މިނިވަން މުއައްސަސާތަކުން ވެސް އެކަމަށް އަޅާނުލާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އެމްޑީ ސައީދު އެކަނި މި ވަރުގެ ވައްކަންތައް ނުކުރެވޭނެ. ވަރަށް ގިނަ މީހުންނަށް ބައި އެޅިކަން މިހާރު މި ދަނީ ފަޅާ އަރަމުން. ދައުލަތުގެ ޒިންމާ އަކަށް ވާންޖެހޭނީ ހަމައެކަނި އެންމެ މީހަކަށް ގާނޫނު ހިންގުމުގެ ބަދަލުގައި މުޅި މައްސަލައިގެ އެންމެ އަޑިއަށް ފީނައި މި ކަމުގައި ޝާމިލްވާ މީހުންނާމެދު އިންސާފުވެރި ތަހުގުގީގެއް ހިންގައި ގެއްލިގައިވާ ފައިސާ ރައްޔިތުންނަށް ހޯދައިދޭން ޖެހޭ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

މިނިސްޓަރު އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، މިހާ ދުވަހު މި މައްސަލައަށް އަޅާނުލާ ތިބި މުއައްސަސާތައް ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށެވެ. އަދި ޤައުމު ސަލާމަތް ކުރެވޭނީ ކޮރަޕްޝަން މުލުން ނައްތާލައިގެން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ފެނަކައިގެ 2021 އިން 2023 އަށް ކުރި އޮޑިޓް ރިޕޯޓުގައި ވަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނަކައިން ހިންގާފައިވާ ހިޔާނާތުގެ އަދަދު 2.2 ބިލިއަން ރުފިޔާއަށް ވުރެ މަތިވާ ކަމަށް ފާހަގަކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ބިޑަކާ ނުލައި ހަވާލުކޮށްފައިވާ މަޝްރޫޢުތަކާއި، ކަރަންޓު ކޭބަލް ގަތުމުގައި 790 މިލިއަން ރުފިޔާގެ ވައްކަމާއި، ޖެނެރޭޓަރު ސެޓް ގަތުމުގެ ނަމުގައި 552 މިލިއަން ރުފިޔާގެ ވައްކަން ހިމެނެއެވެ.

އޮޑިޓް ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި:

  • ޓްރާންސްފޯމަރު ގަތުމުގެ ނަމުގައި 396 މިލިއަން ރުފިޔާގެ ވައްކަން
  • ފެނާއި ނަރުދަމާ މަޝްރޫޢު ހިންގުމުގެ ނަމުގައި 496 މިލިއަން ރުފިޔާގެ ވައްކަން

މީގެ އިތުރުން، 2021 އާއި 2023 އާ ދެމެދު ފެނަކައިން އިން-ހައުސްކޮށް ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢުތަކަށް މުދަލާއި ތަކެތި އުފުލުމަށް ކުއްޔަށް ހިފާފައިވާ އުޅަނދުތަކަށް ދައްކާފައިވާ ފައިސާގެ ތެރެއިން 47 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ މާކެޓް އަގަށްވުރެ މަތީ އަގުގައި ދައްކާފައިކަން ވެސް އޮޑިޓުން ފާހަގަކޮށްފައިވެއެވެ.

މިނިސްޓަރު އާދަމް ޝަރީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކޮރަޕްޝަނާ ދެކޮޅަށް އަބަދުވެސް މަސައްކަތްކުރައްވާނެ ކަމަށާއި، ވަކާލާތު ކުރައްވާނެ ކަމަށެވެ. އަދި މިއީ މިއަދު އެކަނި ކުރާ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ވެސް ހުންނާނީ ކޮރަޕްޝަނާ ދެކޮޅަށް ވަކާލާތުކޮށްފައި ކަމަށެވެ.

ފެނަކައިގެ ކޮރަޕްޝަނާ ގުޅިގެން އޭރު ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހެޅުމުން، އެމްޑީޕީގެ ބައެއް މެންބަރުން އެކަމަށް ތާއީދުކުރެއްވި ކަމަށް ވެސް އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.

މި މައްސަލައާ ގުޅިގެން ސަރުކާރުން ވަނީ ތަހުގީގު ފަށާފައެވެ. އަދި ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް މި މައްސަލައިގައި އިތުރު ފަރާތްތަކެއް ބައިވެރިވެފައިވާކަން ސާބިތުވެއްޖެނަމަ، އެ ފަރާތްތަކާމެދުވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ

މިއަދު އޮންލައިން