4000 ފުލެޓު ލިސްޓުން އުނިވާނީ ޝަރުޠު ހަމަނުވާކަން ޔަޤީން ކުރެވޭ ފަރާތްތައް އެކަނި ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ފުލެޓުތަކުގެ ބައެއް ވިއްކަން އުޅޭކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވަޒީރު ވިދާޅުވެފައިވަނީ، 2023 ނޮވެންބަރު 15 ގައި އިޢުލާން ކުރެވުނު ލިސްޓަކީ ފައިނަލް ލިސްޓް ކަމަށާއި، ޢަމަލުކުރެވޭނީ އެ ލިސްޓާ އެކު ކުރެވުނު އިޢުލާނުގައިވާ ގޮތަށް ކަމަށެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވެފައިވަނީ، ގެޒެޓުގައިވާ ލިސްޓާއި އިޢުލާނާ ޚިލާފަށް ފަހުން ލިސްޓަށް އެއްވެސް ފަރާތެއް އިތުރުކުރެވިފައި ނުވާނެ ކަމަށާއި، ލިސްޓަށް އާ ބަޔަކު އިތުރު ކުރުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށެވެ.
2023 ނޮވެމްބަރު 15 ގައި ނެރެފައިވާ ލިސްޓަކީ، ގިނަ ޝަކުވާތަކަކާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) އެ މަސައްކަތް މަޑުޖައްސާލުމަށް އަންގާފައިވަނިކޮށް ނެރެފައިވާ ލިސްޓެކެވެ. ނަމަވެސް ސަރުކާރުން ދަނީ މި ލިސްޓާ އެއްގޮތަށް ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ.