2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލިގެންދިޔަ ފެނަކައިގެ ޚިޔާނާތަކީ އޭރުގެ ވެރިންގެ ބޮލުގައި ތުހުމަތު އަޅުވާފައި ސަލާމަތްވެވޭވަރަށް ވުރެބޮޑު ޚިޔާނާތެއް: ސުޖާއު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލިގެންދިޔަ ފެނަކައިގެ ޚިޔާނާތަކީ އޭރުގެ ވެރިންގެ ބޮލުގައި ތުހުމަތު އަޅުވާފައި ސަލާމަތްވެވޭވަރަށް ވުރެބޮޑު ޚިޔާނާތެއް: ސުޖާއު

2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލިގެންދިޔަ ފެނަކައިގެ ޚިޔާނާތަކީ އޭރުގެ ވެރިންގެ ބޮލުގައި ތުހުމަތު އަޅުވާފައި ސަލާމަތްވެވޭވަރަށް ވުރެބޮޑު ޚިޔާނާތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ޝުޖާއު ވިދާޅުވީ، ފެނަކައަކީ އެމްޑީޕީއިން ނިމިދިޔަ ދައުރުގައި ވައްކަންކުރުމަށާއި ޚިޔާނާތަށް މަގުފަހިކުރުމަށް ބޭނުންކުރި ކުންފުންޏެއްކަމަށެވެ. އަދި މި ބޮޑު ޚިޔާނާތުގެ މައްސަލައިގައި ހަމައެކަނި ފެނަކައިގެ އޭރުގެ ވެރިންގެ ބޮލުގައި ތުހުމަތު އަޅުވާފައި ސަލާމަތްވެވޭވަރަށްވުރެ މިމައްސަލަ މާ ބޮޑުކަމަށް ފާހަގަކުރެއްވިއެވެ.

ޝުޖާއު ވިދާޅުވިގޮތުގައި، އޭރު އިދިކޮޅުގައި ތިބެއްވި ޕީޕީއެމް-ޕީއެންސީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި މިވާހަކަތައް ދައްކާފައިވެއެވެ. އަދި މިކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނެވިފައިވާކަމަށާއި، އޭރު އެންޓި ކޮރަޕްޝަން ކޮމިޝަނުގައި އޮތް އެމްޑީޕީގެ ސުޕަރ މެޖޯރިޓީއޮތް ކޮމިޝަނުން މިމައްސަލަ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅިކަމަށް ވެސް ވިދާޅުވިއެވެ.

"މީގެ ނަތީޖާއަކީ، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް މަޤާމުން ދުރުކުރި އެނގޭތޯ، އެމްޑީޕީގެ ސުޕަރމެޖޯރިޓީ ޕާލެމަންޓަކުން މިވާހަކަދެއްކީތީ," ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއުވަނީ މިކަންކަން ހިންގަމުންދާކަން ކަނޑައެޅިގެން އެނގިތިބެ އޭރުގެ ސަރުކާރުގެ އިސްވެރިން މިކަމަށް ފިޔަވަޅު ނާޅާ ތިބި ތިބުމާއި އަދި މިއީ ނުހިނގާކަމެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތްކޮށްފައިވާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި ހަމައަށް ކޮރަޕްޝަނަށް މަގުފަހިވާކަމެއްގެ ކަންބޮޑުވުން ނުވަތަ ތުހުމަތެއް ކުރުމާއެކު އެކަން ބައްލަވާ ފިޔަވަޅު އަޅުއްވާކަން ޝުޖާއު ފާހަގަކުރެއްވިއެވެ. އަދި މިސަރުކާރުން ދެން އަންނަ ދައުރަކަށް ކޮރަޕްޝަން ބެލުމަށް މަޑުނުކުރާނެކަމަށް ޝުޖާއު ވިދާޅުވިއެވެ.

މިއަދު އޮންލައިން