ފެނަކައިގެ ބޮޑު ޚިޔާނާތް: ފުރަތަމަ މައްސަލައިގައި ސަޢީދަށް 4 އަހަރުގެ ޖަލު ހުކުމެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ފެނަކައިގެ ބޮޑު ޚިޔާނާތް: ފުރަތަމަ މައްސަލައިގައި ސަޢީދަށް 4 އަހަރުގެ ޖަލު ހުކުމެއް!

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސަޢީދުގެ މައްޗަށް ކުރެވުނު ޚިޔާނާތުގެ ދަޢުވާތަކުގެ ތެރެއިން ފުރަތަމަ މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ވަނީ 4 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މިއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ސާބިތުވުމާ ގުޅިގެން އިއްވި ހުކުމެކެވެ.

މި މައްސަލައަކީ 2019 ވަނަ އަހަރު ފެނަކައާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން، އެ ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއްނެތި ފައިސާ ދޫކޮށްފައިވާ މައްސަލައެކެވެ. މި މައްސަލައިގައި ސަޢީދުގެ އިތުރުން ފެނަކައިގެ އޭރުގެ ޕްރޮކިއުމެންޓް ހެޑް، މަރްޔަމް ދީނާގެ މައްޗަށްވެސް ވަނީ ދަޢުވާ އުފުލާފައެވެ.

ޤާޟީ މި މައްސަލައިގައި ހަރުކަށި އަދަބެއް ކަނޑައެޅުމަށް ނިންމެވި ސަބަބުގެ ގޮތުގައި ފާހަގަކުރެއްވީ، ރާއްޖޭގައި ކޮރަޕްޝަންގެ ޢަމަލުތައް އިތުރުވަމުންދާތީ، އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކަށް "ވަރުގަދا މެސެޖެއް" ދިނުމުގެ މުހިންމުކަމެވެ. މި ހުކުމަކީ ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށްތަކަށް ކަނޑައެޅޭ އެންމެ މަތީ އަދަބެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ފެނަކައިގެ އޮޑިޓް ރިޕޯޓުން ކޮރަޕްޝަންގެ އިތުރު ބޮޑެތި މައްސަލަތަކެއް ހާމަވެފައިވާއިރު، ސަޢީދު ވަނީ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ބަޔާނެއް ނެރުއްވާފައެވެ. އޭންޓި-ކޮރަޕްޝަން ކޮމިޝަނުގައިވެސް އޭނާއާ ގުޅުންހުރި ގިނަ މައްސަލަތަކެއް ބަލަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވި ޚާއްސަ އޮޑިޓް ރިޕޯޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، ނިމިދިޔަ ސަރުކާރުގެ ދައުރުގައި ފެނަކަ ކޯޕަރޭޝަންގެ ތެރެއިން 2.2 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މިއީ ދިވެހި ދައުލަތުގެ ތާރީޚުގައި ހާމަވެފައިވާ އެންމެ ބޮޑެތި ޚިޔާނާތްތަކުގެ ތެރޭގައި ހިމެނޭ މައްސަލައެކެވެ.

މިއަދު އޮންލައިން