ކައްދޫގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގައި ދައުވާކުރުމަށް ފޮނުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ކައްދޫގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގައި ދައުވާކުރުމަށް ފޮނުވައިފި

ކައްދޫގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގައި ދައުވާކުރުމަށް ފޮނުވައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި އަަހަރުގެ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ވަގުތެއްގައި ލ. ކައްދޫގައި ކަފިހިހުރަސް މަތިން މަގުހުރަސް ކުރަނިކޮށް، ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން ދެ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށްއެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. މި މައްސަލަ އެ އޮފީހުން ބަލައިގެންފައިވަނީ މި މަހުގެ 28ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ލ. ފޮނަދޫ / ހޯރަވިލާ، މުޙައްމަދު ނައުސާން (37އ) ގެ މައްޗަށެވެ. މި މައްސަލައާ ގުޅިގެން އޮގަސްޓު 16 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. މީނާއަކީ ޓްރެފިކް ގަވާއިދާ ހިލާފުވެގެން އެކިފަހަރުމަތިން ޖޫރިމަނާކޮށްފައިވާ މީހެކެވެ. އަދި މީނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ.

މި އެކްސިޑެންޓުގައި އަނިޔާވުމުގެ ސަބަބުން ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ 64 އަހަރުގެ ދިވެހި އަންހެނެކެވެ.

 

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން