ނައިފަރު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ނައިފަރު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފި

ޅ. ނައިފަރު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު މިއަދު އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވުނު ރަސްމިއްޔާތުގައި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސަޢުދީ އާއި މިނިސްޓަރ އޮނަރަބަލް ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

5,787 މީހުންގެ އާބާދީއެއް އޮންނަ މަސްވެރި ރަށް، ނައިފަރުގެ ބަނދަރު ކުޑަވުމުގެ ސަބަބުން މުދާ އަރުވައި ބޭލުމަށާއި އަރައި ފޭބުމުގައި ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކަށް ޙައްލެއް ގެނައުމަށް މި މަޝްރޫޢު ވަރަށް މުހިންމު ކަމަށް އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ.

47.50 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން 26,960 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 340 މީޓަރުގެ އެއްގަމު ތޮށްޓާއި، 182 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން 1,390 އަކަ މީޓަރުގެ ޕޭވްމަންޓް އަޅައި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ. މި މަސައްކަތްތައް 360 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއަކީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުންފުންޏެކެވެ. ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް އެމްޓީސީސީން ވަނީ ކާމިޔާބުކަމާއެކު ނިންމާފައެވެ.

މި މަޝްރޫޢު ނިމުމުން ނައިފަރުގެ ރައްޔިތުންނަށް ޖާގަ ތަނަވަސް ބަނދަރެއް ލިބި، ލަފާފުރުމާއި މުދާ އަރުވައި ބޭލުމުގައި ދިމާވާ ގިނަ ދަތިތަކަށް ޙައްލު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން