އަނގޮޅިތީމު، ރަސްގެތީމު، ވާދޫ، އަލިފުށި، ހުޅުދުއްފާރު، މާކުރަތު އަދިި އިންނަމާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
އަނގޮޅިތީމު، ރަސްގެތީމު، ވާދޫ، އަލިފުށި، ހުޅުދުއްފާރު، މާކުރަތު އަދިި އިންނަމާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

މާޅޮސްމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފެށުމަށް ކުރާ މަސައްކަތުގެ ދަށުން އަނގޮޅިތީމު، ރަސްގެތީމު، ވާދޫ، އަލިފުށި، ހުޅުދުއްފާރު، މާކުރަތު އަދިި އިންނަމާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި އެވެ.

މި ރަށްތަކުގައި ޓީއެމް ޚިދުމަތް ފައްޓަވައި ދެއްވީ، މި ރަށްރަށުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އެވެ. މި ރަސްމީއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި އެރަށު ކައުންސިލުގެ މެންބަރުންނާއި އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަށްތަކުގައި އޭޓީއެމް ޚިދުމަތް ފެއްޓެވުމުގެ ގޮތުން ވަޒީރު އާދަމް ޝަރީފް ވަނީ ވަނީ އޭޓީއެމުން ފައިސާ ނަންގަވައިދެއްވުމަށްފަހު، ރަމްޒީ އޭޓީއެމް ކާޑެއް ރަށު ކައުންސިލާއި ހަވާލުކޮށްދެއްވާފައެވެ. މިކާޑައި ރަށު ކައުންސިލުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެރަށްރަށުގެ ކައުންސިލްގެ ރައީސުންނެވެ.

މި ރަށްތަކުގައި ބަހައްޓާފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމަޢު ކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމްއެކެވެ.

މާޅޮސްމަޑުލު އުތުރުބުރީގެ ރަށްތަކުގައި އޭޓީއެމް ޚިދުމަތް ފެށުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ބުރުގައި 9 ރަށެއްގައި އޭޓީއެމް ޚިދުމަތް ފަށާފައެވެ. މިއާއެކު އެއަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓިގެންދާނެއެވެ.

 

 

މިއަދު އޮންލައިން