ރާއްޖޭގެ ކޮންޓެންޓް އުފައްދާ ފަރާތްތަކަށް ޚާއްސަކޮށްގެން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ތަޢާރަފުކުރާ ލޯން ސްކީމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ވަނީ ހުޅުވާލައިފައެވެ.
މި ސްކީމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެއް ފުއްދުމުގެ ގޮތުން، ރާއްޖޭގެ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެ ދާއިރާގައި ދިވެހި ޒުވާނުންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަށް ތަޢާރަފުކުރާ ލޯން ސްކީމެކެވެ. މި ސްކީމުގެ ދަށުން ރަހުނާއެކު 500,000 ރުފިޔާއާއި، ރަހުނަކާ ނުލައި 150,000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކަށް ލޯނު ނެގުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
އެސްޑީއެފްސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ލޯނު ދޫކުރެވޭނީ 9.5 ޕަސެންޓްގެ ފައިދާގެ ރޭޓެއްގައި، 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާއެކުގައެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރު ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. މި ލޯނުގެ ފައިސާއިން ކޮންޓެންޓް އުފެއްދުމަށް ބޭނުންވާ އެކިއެކި ސާމާނު ގަތުމާއި، އެހެނިހެން ޚަރަދުތައް ހަމަޖެއްސުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މި ސްކީމު އަމާޒުކުރެވިފައިވަނީ މީޑިއާ ކޮންޓެންޓް، އޯޑިއޯ-ވީޑިއޯ އަދި އިމޭޖް ޕްރޮޑަކްޝަންގެ ދާއިރާގެ އިތުރުން، އެންޓަރޓެއިންމަންޓް އަދި ސޭލްސް އަދި މާކެޓިންގ އާ ގުޅުންހުރި ކޮންޓެންޓް އުފައްދާ ފަރާތްތަކަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި ސްކީމް ތަޢާރަފުކުރުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން މީސްމީޑިއާގައި، މި ސްކީމްގެ ފަންނީ މަސައްކަތްތައް ނިމުމަކާ ހަމައަށް ގޮސްފައިވާކަން ހާމަކުރައްވާފައެވެ.