ޑިސެމްބަރ ސްކޫލް ބަންދާއި ދިމާކޮށް ބެންކޮކާއި ކުއަލަލަންޕޫރަށް މޯލްޑިވިއަންގެ ޚާއްސަ ދަތުރުތަކެއް ބޭއްވުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
ޑިސެމްބަރ ސްކޫލް ބަންދާއި ދިމާކޮށް ބެންކޮކާއި ކުއަލަލަންޕޫރަށް މޯލްޑިވިއަންގެ ޚާއްސަ ދަތުރުތަކެއް ބޭއްވުމަށް ނިންމައިފި

ޤައުމީ އެއަރލައިން މޯލްޑިވިއަންއިން ޑިސެމްބަރު މަހުގެ ސްކޫލް ބަންދާއި ދިމާކޮށް ތައިލޭންޑްގެ ވެރިރަށް ބެންކޮކާއި މެލޭޝިއާގެ ވެރިރަށް ކުއަލަލަންޕޫރަށް ޚާއްސަ ދަތުރުތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

މޯލްޑިވިއަންއިން މިކަން އިއުލާންކުރަމުން ބުނެފައިވަނީ މި ދަތުރުތައް އޮންނާނީ ޑިސެމްބަރު އަދި ޖަނަވަރީ މަހުގައި ކަމަށެވެ. މި މުއްދަތުގެ ތެރޭގައި ކޮންމެ މަންޒިލަކަށް ހަފްތާއަކު އެއް ފްލައިޓް އޮންނާނެއެވެ.

ކުއަލަލަންޕޫރަށް ދަތުރުތައް ހަމަޖެހިފައިވަނީ ކޮންމެ އާދިއްތަ ދުވަހަކު ކަމަށާއި، މި ދަތުރުތަކުގެ ދެކޮޅު ޓިކެޓްގެ އަގު ހަމަޖެހިފައިވަނީ 335 ޑޮލަރުގައެވެ. އަދި ބެންކޮކްގެ ދަތުރުތައް އޮންނާނީ ކޮންމެ އަންގާރަ ދުވަހަކު ކަމަށާއި، މި ދަތުރުތަކުގެ ދެކޮޅު ޓިކެޓްގެ އަގަކީ 399 ޑޮލަރެވެ.

މޯލްޑިވިއަންއިން އިތުރަށް ފާހަގަކޮށްފައިވަނީ މި ދަތުރުތަކަކީ ސީދާ ދަތުރުތަކެއް ކަމަށާއި، މި ދަތުރުތަކަށް ޓިކެޓް ބުކްކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މޯލްޑިވިއަންއިން އަބަދުވެސް ސްކޫލް ބަންދާ ދިމާކޮށް ދިވެހިންގެ މެދުގައި މަޤްބޫލު މަންޒިލްތަކަށް ޚާއްސަ ދަތުރުތައް ރާވައެވެ. މިފަހަރުގެ ދަތުރުތަކަކީވެސް އެފަދަ ދަތުރުތަކެކެވެ.

މިއަދު އޮންލައިން