މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (ގޭސް މާނު) ގެ މައްޗަށް ކުރި ރިޝްވަތުގެ ދެ ދައުވާ ސާބިތުވެ، އޭނާ 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މައުމޫންގެ މައްޗަށް ދައުލަތުން ކުރި ހަތް ދައުވާގެ ތެރެއިން ސާބިތުވާ ކަމަށް ކޯޓުން ނިންމާފައިވަނީ ދެ ދައުވާއެވެ. މި ދައުވާތައް ކުރެވިފައިވަނީ 2016 ވަނަ އަހަރު މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރެއްގެ މަގާމުގައި ހުރެ ރިޝްވަތުގެ ގޮތުގައި ފައިސާ ނެގިކަމަށް ތުހުމަތު ކުރެވިގެންނެވެ.
ކްރިމިނަލް ކޯޓުން މައުމޫންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ 12 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.
މި މައްސަލައިގައި ފާހަގަކޮށްލެވޭ ކަމަކީ، 2018 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުމާއެކު، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލަ ތަހުގީގުކުރަން ފެށުމާއެކު މައުމޫން ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ.
މައުމޫންގެ މައްޗަށް މި ކުރެވުނު ތުހުމަތުތަކާ ގުޅިގެން އޭސީސީން ތަހުގީގު ކުރަމުންދިޔައިރު، މީޑިއާތަކުގައި ވެސް ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރެވި، އެކަމާ ގުޅޭ ތަފްސީލީ ރިޕޯޓުތައް ގެނެސްދީފައެވެ.
މި މައްސަލައިގެ ހުކުމް އިއްވުމާއެކު، މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީގެ މައްޗަށް ކުރެވުނު ތުހުމަތުތަކުގެ ތެރެއިން ބައެއް ތުހުމަތުތައް ވަނީ ޝަރުއީ ކޯޓެއްގައި ސާބިތުވެފައެވެ.