ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މުވައްޒަފުންގެ ސިއްޙީ ޙާލަތު ދެނެގަތުމަށްޓަކައި އިއްޔެ ކުންފުނީގައި ހެލްތު ސްކްރީނިންގ ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މި ޙަރަކާތަކީ ހުޅުމާލޭ ހޮސްޕިޓަލާ ގުޅިގެން ކުރިއަށް ގެންދިޔަ ޙަރަކާތެކެވެ.
މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ މުވައްޒަފުން ދުޅަހެޔޮ ދިރިއުޅުމަކަށް ހޭލުންތެރިކުރުވުމާއި، އެ މުވައްޒަފުންގެ ސިއްޙީ ޙާލަތު ދެނެގަތުމެވެ. މި ޙަރަކާތުގައި ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެ، އެ މުވައްޒަފުންގެ ސިއްޙީ ހާލަތު ދެނެގަތުމަށް ސްކްރީނިންގ ހަދާފައިވެއެވެ.
ހެލްތު ސްކްރީނިންގ ޙަރަކާތުގެ ތެރެއިން މުވައްޒަފުންނަށް ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ބޭނުންވާ މުހިންމު މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ. މީގެ އިތުރުން، މުވައްޒަފުންގެ ޞިއްޙީ ހާލަތާ ގުޅޭ އެކި ބާވަތުގެ ޓެސްޓުތައް ހެދުމުގެ ފުރުޞަތު ވަނީ ތަނަވަސްކޮށްދީފައެވެ.
ސްޓެލްކޯއިން މިފަދަ ޙަރަކާތްތައް ކުރިއަށް ގެންދިއުމަކީ މުވައްޒަފުންގެ ދުޅަހެޔޮކަމަށް ކުންފުނިން ދޭ އަހައްމިއްޔަތުކަމުގެ ހެއްކެކެވެ. އަދި މުވައްޒަފުންގެ ސިއްޙީ ރައްކާތެރިކަމަށް އިސްކަންދިނުމުގެ ގޮތުން މިފަދަ ޙަރަކާތްތައް ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް މައުލޫމާތުލިބެއެވެ.