ޢިބްރަތްތެރި ވާހަކަ: ފިރިމީހާ ހިލޭ އަންހެނުންނާ ގުޅުން ބޭއްވުމަށްވުރެ ބޮޑު އަނިޔާއެއް ހެޔޮލަފާ އަންތބަކަށް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 3ސ
ޢިބްރަތްތެރި ވާހަކަ: ފިރިމީހާ ހިލޭ އަންހެނުންނާ ގުޅުން ބޭއްވުމަށްވުރެ ބޮޑު އަނިޔާއެއް ހެޔޮލަފާ އަންތބަކަށް ނެތް!

ކޮންމެ މީހަކަށް ނަމަވެސް ނުރައްކާތެރި ބައްޔެއް ޖެހި މަރުވަނީކަން އެނގިއްޖެނަމަ ކަންބޮޑުވާނެއެވެ. ބުއްދިވެރިއަކުނަމަ އެވަޤުތުން ފެށިގެން މަސައްކަތްކުރަން ފަށާނީ އާޚިރަތް ލިބުމަށް ކުރާ މަސައްކަތް އިތުރުކުރުމަށެވެ. ކުރިން މަސައްކަތް ނުކުރާ މީހުންވެސް އެހިސާބުން މަސައްކަތް ފަށައެވެ. ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން ފަށައެވެ.  

ނަމަވެސް ކުރެވޭ ފާފަތައް ގިނަވެ ޝައިޠޯނާގެ ކަސްތޮޅުގައި ރަނގަޅަށް ބަނދެވިފައިވާނަމަ ޙާލަތު ތަފާތުވެއެވެ. ބެލެނީ އަދިވެސް އިތުރަށް ފާފައެއް ކުރެވޭތޯއެވެ. މިއީ މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރައެވެ.  

ޑޮކްޓަރުން މިބުނަނީ ނުރައްކައުތެރި ބައްޔެއް ޖެހިފައިވާ ކަމަށެވެ. ދޭނެ ފަރުވާއެއް ނެތް ކަމަށެވެ. ދާދި އަވަހަށް މަރުވެދާނެ ކަމަށެވެ. ދެންވެސް ބިރުނުގަނެވި، ކުރިންވެސް ކުރަމުން އައި ފާފަތައް ކުރުންމަތީގައި ހުންނާނީ އެފާފައެއް ކުރަން ކިހައި ބޮޑަކަށް ދެވިހިފީމައިހެއްޔެވެ؟  

ބައެއް ފާފަތަކަކީ އެފާފަތައް ކުރަން ފެށުމުން ދެވިހިފާ ފާފަތަކެކެވެ. ދެވިހިފުމުން ސަލާމަތް ނުވެވޭ ފާފަތަކެކެވެ. މިވާހަކައަކީ އެކަން ބަޔާންކޮށްދޭ ވަރަށް ޢިބްރަތްތެރި ފިލާވަޅެކެވެ. އަނބިމީހާ ދޫކޮށްލައި ހިލޭ އަންހެނުނަނާއިއެކު ފާޙިޝް ޢަމަލުތައް ކުރުމުން ދުރުހެލިވެހުންނަންޖެހޭ ސަބަބާއި އެކަންކަން ކުރާނަމަ މަރުމަތީގައިވެސް ޝައިޠޯނާގެ ކިބައިން ސަލާމަތް ނުވެވިދާނެކަން އަންގައިދޭ އަގުހުރި ފިލާވަޅެކެވެ. 

ކައިވެންޏަށް 20 އަހަރެވެ. 3 ދަރިން ލިބިފައިވެއެވެ. ފިރިމީހާގެ ޓެސްޓްތަކެއް ހެދުމަށްފަހު ޑރ. ބުނީ ފިރިމީހާގެ ލެޔަށް ނުބައި ބައްޔެއް ޖެހިފައިވާ ކަމަށާއި ފަސޭހަކުރަން ކުރެވޭނެ ކަމެއްވެސް ނެތް ކަމަށެވެ. އަދި ދުނިޔޭގައި ހުންނާނީ މަދު ދުވަސްކޮޅަކު ކަމަށެވެ.  

ހޮސްޕިޓަލުން ގެއަށް އައުމަށްފަހު ފިރިމީހާ ސަމާލުކަންދިނީ ދުނިޔޭގައި އޭނާ ކުރަން ބޭނުވެފައި އެހެންނަމަވެސް އެހައިތަނަށް ނުކުރެވިހުރި ކަންކަން ކުރުމަށެވެ. އޭނާގެ އަމިއްލަ އުފަލަށްޓަކައި ނުގަނެވިހުރި ތަކެތި ގަތުމަށެވެ. އެކަންކަމަށް ޚަރަދުކުރަމުން ގޮސް އަތުގައި ހުރި ހުރިހާ ފައިސާއެއް ހުސްވިއިރުވެސް އަނބިމީހާ އަޅައެއް ނުލައެވެ. އެއީ ފިރިމީހާ ދެން ދުނިޔޭގައި މާގިނަ ދުވަހު ނުހުންނާނެތީ އޭނާ ދެރަވާނެ ބަހެއްވެސް ނުބުނުމުގެ ގޮތުންނެވެ. ހިލޭ އަންހެނުންނަށް ޚަރަދުކޮށް އެކުގައި ނިދާހެދިއިރުވެސް އަޅާނުލައި ކެތްތެރިވެގެން ހުރީ އެ ސަބަބަށްޓަކައެވެ.  

ދުވަސްކޮޅެއް ފަހުން އަލުން ޓެސްޓްތައް ހެދުމުން އެނގުނީ ފިރިމީހާގެ އެފަދަ ބައްޔެއް ނެތްކަމެވެ. ކުރީގެ ރިޕޯޓަކީ އޮޅުމަކުން ދެވުނު އެހެން މީހެއްގެ ރިޕޯޓެއްކަމެވެ.  

އަނބިމީހާ އެހިސާބުން ބޭނުންވީ ވަރިވާށެވެ. ފިރިމީހާއަށް އެކަންތައްވީ ވަރަށް ބޮޑު ކަމަކަށެވެ. އަތްމަތި އެހައި ދަތިވެފައި ހުއްޓާ ވަރިވާން އުޅެނީ އަތުގައި ޚަރަދުކުރާނެ ފައިސާ މަދުވުމުންތޯ ސުވާލުކުރުމުން އަނބިމީހާ ދެއްކީ މުޅިން ތަފާތު ވާހަކަތަކެކެވެ.  

"އަހަރެމެން ކައިވެނިކުރިއިރުވެސް ތިބާގެ އަތުގައި ތަނަވަސްކަމެއް ނެތެވެ. ތަނަވަސްކަން ލިބުނީ ކައިވެނިކޮށްގެން ދެމީހުން ކުރި މަސައްކަތުންނެވެ. ވީމާ ފައިސާ ހުރުމާއި ނެތުމަކީ އަހަރެންނަށް މާބޮޑު މައްސަލައެއް ނޫނެވެ. ގަތް ތަކެއްޗަށް ކަންބޮޑެއް ނުވަމެވެ. ނަމަވެސް ހިލޭ އަންހެނުންނަށް ކުރި ޚަރަދުތަކަށާއި އެމީހުންނާއިއެކު ހޭދަކުރި ވަގުތަށް ކަންބޮޑުވަމެވެ. ރޭގަނޑު ނިދަން ނައިސް ހިލޭ އަންހެނުންނާއިއެކު ނިދި ރޭތަކަށް ކަންބޮޑުވަމެވެ. ވަރިވާން ބޭނުންވަނީ އެކަންކަން ހިތުގައި އަޅައިގެން އެކުގައި އުޅެން ބޭނުން ނުވާތީއެވެ."  

ވަރަށް ދިގު ވާހަކަތަކެއް މިކިޔައިދިނީ ވަރަށް ކުރުކޮށެވެ. ބުނަން ބޭނުންވާ ވާހަކައަކީ ކޮންމެ އަންހެނަކީ ފައިސާއަށް އަޅުކަންކުރާނެ އަންހެނެއް ނޫނެވެ. މިއެކުވެރިޔާފަދަ އަންހެނުންވެސް ވަރަށް ގިނަވާނެއެވެ. މި ދެމަފިރިންގެ ވާހަކައިން ހަމަ ކޮންމެ ދެމަފިރިއަކަށްވެސް ޢިބްރަތްތަކެއް ލިބިގެންދާނެއެވެ. ވިސްނައިފިނަމަ ފައިދާތަކެއް ކުރާނެއެވެ.  

އަދި ބުނެލާނަމެވެ. ހިލޭ އަންހެނުންނާއިއެކު ފިރިން އުޅުމުން އަނބިންގެ ހިތަށް އަސަރުކުރާ ފަދައިން އަނބިން ހިލޭ ފިރިހެނުންނާއިއެކު އުޅުމުން ފިރިންނަށްވެސް ހަމަ އަސަރުކުރާނެއެވެ. އަނހެނުންގެވެސް އަދި ފިރިހެނުންގެވެސް އޮންނަނީ ހަމަހިތެކެވެ.

 

- ޒުލްފާ މުޙައްމަދު / ހައިދަރުއާބާދު / ޕާކިސްތާން

 

 

މިއަދު އޮންލައިން