ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފެންވަރު މަތިކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް ފުރުސަތު ދެވޭނީ ސްކްރީންކުރުމަށްފަހުގައިކަމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން މިއަދު ހާމަކޮށްފިއެވެ.
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އެކަޑެމިކް ކޯޑިނޭޓަރ އަލްއުސްތާޛް ޢަލީ ވަޙީދު ޢަބްދުއްރަޙްމާން ޕީއެސްއެމް ނިއުސްއަށް ދެއްވި މަޢުލޫމާތުގައި ވިދާޅުވީ، މުބާރާތުގެ ފެންވަރު އިތުރަށް މަތިކުރުމަށްޓަކައި ބައެއް މުހިންމު ބަދަލުތައް ގެންނަން ނިންމާފައިވާ ކަމަށެވެ. މިގޮތުން އަންނަ އަހަރުން ފެށިގެން މުބާރާތް ކުރިއަށްގެންދާނީ އެކި ބުރުތަކަށް ބަހާލައިގެންނެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޤުރުއާން މުބާރާތް ކަމުގައިވާ މި މުބާރާތަކީ، އެންމެ ގިނަ ބައިވެރިންނަށް ފުރުސަތު ލިބިގެންދާ އެންމެ ދުވަސްވީ މުބާރާތެވެ. މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ.
މާލެ ސަރަޙައްދާއި އަތޮޅުތަކުން ގިނަ ބައިވެރިން މި މުބާރާތުގައި ވާދަކުރަމުން އަންނައިރު، މުބާރާތުގެ ފެންވަރު މަތިކުރުމަށް މަރުކަޒުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މި އަހަރު ގެންނަން ނިންމާފައިވާ ބަދަލާއެކު މުބާރާތުގެ ފެންވަރު އިތުރަށް މަތިވެގެންދާނެ ކަމަށް މަރުކަޒުން އުންމީދުކުރައްވައެވެ.
މި އައު ނިޒާމުގެ ދަށުން، ކޮންމެ ބައިވެރިއަކަށްވެސް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނީ ސްކްރީންކުރުމުގެ މަރުޙަލާއެއް ފުރިހަމަކުރުމަށްފަހުގައި ކަމަށް މަރުކަޒުން ވަނީ ހާމަކޮށްފައެވެ.