ފާއިތުވެދިޔަ އަހަރުތަކުގައި ދިވެހިރާއްޖޭގެ އިޤްތިޞާދީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ޚާއްޞަކޮށް ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުން، ސަރުކާރުގެ ޚަރަދުތައް އިންތިހާއަށް އިތުރުވެ، ދަރަނި ބޮޑުވެ، ރުފިޔާގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވެއެވެ.
ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ދާދި ފަހުން ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުން ޖަމާކޮށްފައި އޮތް އެއް ބިލިއަން ޑޮލަރުގެ ރިޒާވާއި، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ފައިސާވެސް މިހާރު ވަނީ ހުސްވެފައެވެ. އަދި ސަރުކާރުގެ ކުންފުނިތަކުގެ ދަރަނިވެސް ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން:
ފެނަކައިގެ 3.5 ބިލިއަން ރުފިޔާގެ ދަރަނި،
އައިލެންޑް އޭވިއޭޝަންގެ 1.9 ބިލިއަން ރުފިޔާގެ ދަރަނި،
މިފްކޯގެ 664 މިލިއަން ރުފިޔާގެ ދަރަނި،
އެމްޓީސީސީގެ 939 މިލިއަން ރުފިޔާގެ ދަރަނި،
އާރުޑީސީގެ 773 މިލިއަން ރުފިޔާގެ ދަރަނި،
ޕީއެސްއެމްގެ 190 މިލިއަން ރުފިޔާގެ ދަރަނި
ވެމްކޯގެ 102 މިލިއަން ރުފިޔާގެ ދަރަނި ފާހަގަކުރެވެއެވެ.
މީގެއިތުރުން، ކުރީ ސަރުކާރުން ވަނީ 8 ބިލިއަން ރުފިޔާ އަލަށް ޗާޕުކޮށްފައެވެ. މިނިސްޓަރު ސަޢީދު ވިދާޅުވި ގޮތުގައި، މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ.
"ދިވެހި ރުފިޔާގެ އަގު އެއްކޮށްހެން ވެއްޓިގެންނޭ ތިދަނީ އިނގޭތޯ. އަޅުގަނޑު ފޮނުވިން އެމް.އެމް.އޭ ގަވަރނަރ އަށް ދެފަހަރު ސިޓީ، އަލީ ހާޝިމް އަށް. ސަރުކާރުން އެކަން ކުރިއަ ނުދޭށޭ، މަނިކުފާނު ބިރުފުޅު ނުގަންނާށޭ، އެދުވަސް ވެސް ނިމޭނެޔޭ، ފައިސާ ޗާޕު ނުކުރާށޭ. ޑޮލަރު ދިވެހި ރުފިޔާގެ މައްޗަށް ވަރަށް ބޮޑުތަނުން ވަރުގަދަ ވެގެން ދާނެޔޭ ތިހެން ތިކަން ކުރީމަ." ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރީގެ ސަރުކާރުން ވަނީ ހުޅުމާލޭގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް، ގިރާވަރު އަދި ގުޅީފަޅުގެ ބިންތައްވެސް ބަހާލާފައެވެ. މިނިސްޓަރު ސަޢީދު ވިދާޅުވި ގޮތުގައި، މިއީ 80 ބިލިއަން ރުފިޔާގެ އަގުހުރި ބިންތަކެކެވެ. އެމަނިކުފާނު ވިދާޅުވީ ކުރީގެ ސަރުކާރުން ފެނަކައިގެ ތެރޭގައި ހިނގަމުންދިޔަ ކޮރަޕްޝަންގެ ޢަމަލުތަކާ ގުޅޭގޮތުން އޭރުގެ އޭސީސީގެ ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނެސްފައެވެ. އެހެންނަމަވެސް، އެކަމާ ގުޅޭގޮތުން އެކަށީގެންވާ ފިޔަވަޅެއް އެޅިފައެއް ނުވެއެވެ.
" އެހެންވީމަ މީގެން އެނގިގެން މިދާ އެއްޗަކީ ރައީސް ޞާލިޙަށް އެނގިވަޑައިގެންނޭ މިކަންކަން ވެގެން އެހެރީ ގޮއްސަ." ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު ސަޢީދު ވިދާޅުވި ގޮތުގައި، މިފަދަ ކަންކަން އިޞްލާޙުކުރުމަށްޓަކައި އެންމެ މަތީ ފެންވަރުން ފެށިގެން ފިޔަވަޅު އަޅަން ޖެހެއެވެ. ވަޒީރު ވިދާޅުވިގޮތުގައި ކަމެއް ގޯސްކޮށް ކުރަންޏާ ނުވަތަ ކޮރަޕްޝަނުގެ އަމަލު ހިންގާނަމަ އެކަން ކުރާ ބަޔަކާ ދޭތެރޭ ފިޔަވަޅު އެޅުން އިސްކުރަން ޖެހޭނެއެވެ.
މިހާރުގެ ސަރުކާރުން ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭގޮތުން ވަރަށް ސީރިއަސްކޮށް ފިޔަވަޅު އަޅަމުންދެއެވެ.
"ބައްލަވާ މި ސަރުކާރުން ރައީސް ޑރ. މުޢިއްޒުގެ ސަމާލު ކަމަށް މިސާލަކަށް ކޮރަޕްޝަންގެ އަމަލެއް އައިސްގެން އެމަނިކުފާނު ފިޔަވަޅެއް ނާޅުއްވާ އެބައޮތްތޯ؟ އެކަމެއްގެ އެކަށީގެންވާ އެވިޑެންސާ އެއްކޮށް މި ހުށައަޅައިގެން، ހާއްސަކޮށް އޭ.ސީ.ސީ އިން، މިނިވަން މުއައްސަސާ އަކުން ރައީސް ޑރ.މުޢިއްޒުގެ ސަމާލުކަމަށް މިފަދަ ކަމެއް ގެނެއްސިނަމަ އެމަނިކުފާނު ނުހުންނަވާނެ ފިޔަވަޅެއް ނާޅުއްވައެއް." ސައީދު ވިދާޅުވިއެވެ.
ނިންމާލަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ކޮށްފައިވާ ގޯސްތައް އިޞްލާޙުކޮށް، ރާއްޖޭގެ އިޤްތިޞާދު ރަނގަޅު މަގަކަށް އެޅުވުމަށްޓަކައި މިހާރުގެ ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ސޯލިހުގެ ސަރުކާރުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، 4 އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ 2018 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވި އެއްބަސްވުމުގެ ދަށުން ބްލޭޒަންގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ އެ ކުންފުންޏަށް ދޫކޮށް ނާޖާއިޒު މަންފާ ހޯދައި ދިން މައްސަލައިގައެވެ.
ބްލޭޒަން މައްސަލައިގައި ހަތަރު އަހަރަށް ސައީދު ޖަލަށްލާން ހުކުމް ކޮށްފައިވާއިރު، އޮޑިޓާ ޖެނެރަލްގެ އޮފީހުން މިދިޔަ ހަފްތާގައި ނެރުނު ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓުން ސައީދު އެމްޑީގެ މަގާމުގައި ހުންނެވި ދުވަސްވަރު ބޮޑެތި ވައްކަން ކޮށްފައިވާކަން ވަނީ ފަޅާއަރާފައެވެ. އެގޮތުން 2019 އިން 2023 އާއި ހަމައަށް ބީލަމަށް ނުލައި 1.4 ބިލިއަން ރުފިޔާ ހަރަދު ކުރުމާއި، ޖެނެރޭޓަރުތަކާއި އެހެން ކަންކަމުގައި އެތައް މިލިއަން ރުފިޔާގެ ވައްކަން ކޮށްފައިވާކަން ވަނީ ފަޅާ އަރާފައެވެ.