ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "މުޅި ރާއްޖޭގައި އޭޓީއެމް ޚިދުމަތް" މަޝްރޫޢުގެ ދަށުން މިއަހަރު 82 ރަށެއްގައި އޭޓީއެމް ޤާއިމްކޮށް، 122،000 އަށްވުރެ ގިނަ މުޢާމަލާތް ހިންގާފައިވާކަމަށް އެ ބޭންކުން މިއަދު ހާމަކޮށްފިއެވެ.
ބީއެމްއެލްއިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މުޢާމަލާތްތަކުގެ ޖުމްލަ އަގު 313 މިލިއަން ރުފިޔާއަށް އަރާއިރު، 145 މިލިއަން ރުފިޔާ ވަނީ ޖަމާކުރެވިފައެވެ. ބީއެމްއެލްގެ އޭޓީއެމް ވިއުގާ މެދުވެރިކޮށް މާލެ ސަރަަހައްދުގައި ދުވާލަކު 14،000 މުއާމަލާތް ކުރާ ކަމަށް ދައްކާއިރު، އެ މުއާމަލާތްތަކުގެ ފައިސާގެ އަދަދު 78 މިލިއަން ރުފިޔާއަށް އަރައެވެ. އަދި އަތޮޅުތަކުގައި ދުވާލަކު 9،000 މުއާމަލާތް ކުރާ ކަމަށް ދައްކާއިރު، އެ މުއާމަލާތްތަކުގެ ފައިސާގެ އަދަދު 25 މިލިއަން ރުފިޔާއަށް އަރައެވެ.
މި މަޝްރޫޢުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ފައިދާތަކުގެ ތެރޭގައި އަމިއްލަ ރަށުން ބޭންކިންގ ޚިދުމަތް ލިބުމާއި، ފައިސާ ޖަމާކުރުމާއި ނެގުމުގެ ފަސޭހަކަން، އަދި ޑިޖިޓަލް މުޢާމަލާތްތައް ކުރުމުގެ ފުރުޞަތު ހިމެނެއެވެ. މީގެ އިތުރުން، ބޭންކިންގ ޚިދުމަތް ހޯދުމަށް އެހެން ރަށްރަށަށް ދަތުރުކުރަން ޖެހުން ހުއްޓުމަކަށް އަންނާނެކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ރ. އަތޮޅުގެ 9 ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުމުގެ ރަސްމިއްޔާތު ވަނީ މިދާކަށް ދުވަހު ބޭއްވިފައެވެ.
ބީއެމްއެލްއިން ބުނެފައިވާ ގޮތުގައި މިހާރު 187 ރަށުގައި 246 އޭޓީއެމް ޤާއިމްކުރެވިފައިވެއެވެ. އަދި މި އަހަރުގެ ނިޔަލަށް 100 އަށްވުރެ ގިނަ ރަށުގައި އިތުރު އޭޓީއެމްތައް ބެހެއްޓުމަށް ވަނީ ރޭވިފައެވެ.
ރ. ފައިނުގައި އޭޓީއެމް ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މިއަހަރު ފެށުނު އިރު މީހުން ދިރިއުޅޭ ދެބައި ކުޅައެއްބައި ރަށްރަށުގައި އޭޓީއެމް ގާއިމުކުރެވިފައި ނުވާކަމަށެވެ.
"ރަށުގައި ތިއްބަވައިގެން ބޭންކިން ޚިދުމަތް ލިބޭނެ. އެހެން ރަށަކަށް ދަތުރުކުރާކަށް ޖެހިވަޑައި ނުގަންނަވާނެ. ފިހާރަތަކަށާއި ވިޔަފާރިތަކަށް ލިބޭ ފައިސާ ވަގުތުން ޖަމާ ކޮށްލެވޭނެ. ގޭގަ އަތުގައި ފައިސާ ބެހެއްޓުމުގެ ބަދަލުގައި ބޭންކު އެކައުންޓުގައި ފައިސާ ބަހައްޓާ ބޭނުންވީމަ ފައިސާ ނެގޭނެ ނިޒާމު ހަމަޖެހިގެން މިދިޔައީ. ޓްރާންސްފަރ ކުރުމާއި އެހެނިހެން ކަންކަންވެސް ޑިޖިޓަލީ ހަމަޖެހިގެން މިދިޔައީ. އެހެންވީމަ މީ ވަރަށް ބޮޑު ފަސޭހައެއް." ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވިއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށްވާއިރު، އިޤްތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން މިދިޔަ ނޮވެންބަރު މަހު ވަނީ މި މަޝްރޫޢުގައި ސޮއިކުރެވިފައެވެ. ބީީއެމްއެލްއިން މި މަޝްރޫޢު އަންނަ އޮކްޓޯބަރުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ވަނީ ބުނެފައެވެ.
މި މަޝްރޫޢުގެ އަނެއް މުހިންމު ބައެއްގެ ގޮތުގައި، ފަތުރުވެރިކަން ފުޅާވެފައިވާ ބައެއް ރަށްރަށުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ މަސައްކަތްވެސް ބީއެމްއެލްއިން ދަނީ ކުރިއަށް ގެންދަމުންނެވެ. މިކަމުގެ ސަބަބުން ބޭރުގެ ފަތުރުވެރިންނަށް ފަސޭހައިން ޑޮލަރު ނެގުމުގެ ފުރުޞަތު ލިބި، ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވެއެވެ.
މި މަޝްރޫޢުގެ ސަބަބުން ރަށްރަށުގައި އުޅޭ ރައްޔިތުންނަށް މާލީ ބާރުވެރިކަން ލިބި، އިޤްތިޞާދީ ހަރަކާތްތައް އިތުރުވެގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ. އަދި މިކަމުިކަމުގެ ސަބަބުން ރަށްރަށުގެ ވިޔަފާރިތަކަށް ވެސް ފަހި ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.
ބީއެމްއެލްގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް 100 އަށްވުރެ ގިނަ ރަށުގައި އޭޓީއެމް ބެހެއްޓުމެވެ. މިއާއެކު މުޅިރާއްޖޭގައި ބީއެމްއެލްގެ 250 އަށް ވުރެ ގިނަ އޭޓީއެމް ގާއިމުކުރެވިގެންދާނެއެވެ.