މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް 3 މެންބަރުން ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފިއެވެ. މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މީޑިއާ ކޮމިޝަނުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުންނެވެ.
މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށްވުމާއި، އުމުރުން 30 އަހަރު ފުރިފައިވުން ހިމެނެއެވެ. އަދި މީގެ އިތުރުން، ނޫސްވެރިކަމުގެ ދާއިރާ ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން، ނުވަތަ ސިޔާސަތު ކަނޑައެޅުމާބެހޭ ދާއިރާއިން، ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ލާޒިމްކުރެއެވެ.
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު އިޤްރާރު، ކުށާއި ދަރަނީގެ ރިކޯޑު ފޯމު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ވަނަވަރު އަދި ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ހުށަހަޅަންޖެހޭނެއެވެ. މި ލިޔެކިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 12 އޮކްޓޫބަރު ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އެވެ.
ކޮމިޝަނުގެ މެންބަރުކަމުގެ މުއްދަތަކީ 5 އަހަރު ދުވަހެވެ. ޤާނޫނުގެ 26 ވަނަ މާއްދާގައިވާ ގޮތުން، އެއްވެސް މެންބަރަކަށް ވިދިވިދިގެން ނުވަތަ އެނޫންވެސް ގޮތަކަށް 2 ދައުރަށްވުރެ ގިނަ ދުވަހު މެންބަރުކަމުގައި ނުހުރެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް އިންޓަރވިއުކޮށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްފަހު މެންބަރުން އައްޔަންކުރެވޭނެއެވެ.