މިދިޔަ އޯގަސްޓް މަހު 11،651 ވޯކް ވިސާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މީގެ ތެރެއިން އެންމެ ގިނަ ވިސާ ދޫކޮށްފައިވަނީ މާލޭގައި ހުންނަ އިމިގްރޭޝަންގެ އޮފީހުން ކަމަށްވާއިރު، އެއީ 11،320 ވިސާއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތަކުން އޯގަސްޓް މަހު 331 ވޯކް ވިސާ ދޫކޮށްފައިވެއެވެ. މީގެއިތުރުން، އެ މަހު ވިޔަފާރި ވިސާ 1،150 މީހަކަށް ދޫކޮށްފައިވާއިރު، ޑިޕެންޑެންޓް ވިސާ 287 މީހަކަށް، ޚާއްސަ ވިސާ 140 މީހަކަށް، ސްޓޫޑެންޓް ވިސާ 31 މީހަކަށް، އަދި ސްޕޮންސަރޝިޕް ޑެކްލަރޭޝަން ވިސާ 398 މީހަކަށް ދޫކޮށްފައިވެއެވެ. އަދި އެހެނިހެން ބާވަތްތަކުގެ ވިސާ 684 މީހަކަށް ދޫކޮށްފައިވާކަން ފާހަގަކުރެވެއެވެ.
އިމިގްރޭޝަނުން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، އޯގަސްޓް މަހު ހިންގި 25 ރެއިޑް އޮޕަރޭޝަންތަކުގައި 26 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އެ މަހު 129 ބިދޭސީން ވަނީ އެކި ސަބަބުތަކާހުރެ ޑީޕޯޓްކޮށްފައެވެ. މީގެ ތެރޭގައި ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެވެފައިވާ 14 ބިދޭސީންނާއި، އެކި ކުށްތަކުގައި 28 ބިދޭސީންނާއި، ވިސާއާ ޚިލާފުވި 87 ބިދޭސީން ހިމެނެއެވެ.
މީގެއިތުރުން، ސިއްޙީ ސަބަބުތަކާހުރެ 28 ބިދޭސީން އެމީހުންގެ ޤައުމަށް ފޮނުވާލާފައިވާއިރު، އަމިއްލައަށް އެދިގެން 282 ބިދޭސީން ވަނީ އެމީހުންގެ ޤައުމުތަކަށް އަނބުރާ ފޮނުވާލާފައެވެ. މިއީ ޖުމްލަ 310 ބިދޭސީންނެވެ.