އެދެމަފިރިންގެ ތިބެނީ 3 ދަރިންނެވެ. ދޮށްޓަށް 2 ފިރިހެންދަރިންނެވެ. ހަގީ އަންހެން ދަރިފުޅެވެ. 3 ދަރިންވެސް ދިރިއުޅެނީ ވަކިންނެވެ. ގޭގައި އުޅެނީ މަންމައާއި ބައްޕަ އެކަންޏެވެ.
ބައްޕަ ބަލިބޮޑުވެ ހޮސްޕިޓަލުގައި ބާއްވަން ޖެހުމުން އެވާހަކަ ބުނުމަށާއި އެހީތެރިކަމަށް އެދި މަންމަ ހިނގާފައި ފުރަތަމަ ދިއައީ 2 ފިރިހެންގެ ގާތަށެވެ. ދެދަރިންގެވެސް މާލީ ޙާލަތުހުރިގޮތުން އެހީތެރިކަމެއް ލިބޭނެ ގޮތެއް ނުވުމުން ދެން ދިއައީ އަންހެންދަރިފުޅުގެ ގާތަށެވެ.
އެގެއަށް ދެވުނުއިރު ދެމަފިރިން ތިބީ އެކުގައެވެ. އެހެންވެ ޖެހިލުންވެ އިނދެވެސް ދިއަ ބޭނުން ކިޔައިދިނުމުން ދަރިފުޅު އިނީ ދޭނެ ޖަވާބަކަށް ވިސްނާށެވެ. ފިރިމީހާ ނުރުހޭނެ ގޮތަކަށް ބުނެވިދާނެތީ އެކަމުގެ ކަންބޮޑުވުމުގައެވެ. މައްސަލައަކީ ހަމަ އެއް މައްސަލައެކެވެ. އަތްމަތި ދަތިކަމެވެ.
އަނބިމީހާ ޖަވާބު ނުދިނީމާ ޖަވާބުދިނީ ފިރިމީހާއެވެ. "މަންމާއެވެ! ތިއަބުނީ ދެ ބޭބެ އެހީތެރިނުވި ވާހަކައެވެ. ދެން އަހަރެމެންވެސް އެހީތެރިނުވެއްޖިއްޔާ އެހީތެރިވާނީ ކާކުހެއްޔެވެ؟ މަންމައަށް ޖެހޭނީ ސަލާންޖަހަން ނޫންހެއްޔެވެ؟ އެކަންކުރާކަށް މަންމަ ދުލެއް ނުކުރާނަމެވެ. މިފައިސާކޮޅު ހިފައިގެން ހިނގާފައެއް ނޫނެވެ. ޓެކްސީއެއްގައި އަވަހަށް ހޮސްޕިޓަލަށްދާށެވެ! ތިއިން މިވަގުތު ކުރަންޖެހޭ ޚަރަދުތައް ކުރާށެވެ. އާސަންދައިން ނުލިބޭ ބޭހެއް ހޯދަންޖެހިއްޖެނަމަ ގުޅައިލާށެވެ. އާސަންދައިން ކަވަރުނުކުރާ ހުރިހާ ޚަރަދުތަކެއް ކުރާނަމެވެ. ކޮޓަރިއަކަށްވެސް ބަދަލުކުރުވާނަމެވެ. މަންމަ އެއިން އެއްވެސް ކަމަކާ ވިސްނާނެ ކަމެއް ނެތެވެ. ދެމަފިރިން ބައްޕަގެ ޙާލުބަލަންވެސް ދާނަމެވެ. ބައްޕަގެ ޚަރަދުތައް ކުރާނެކަމަށް މިބުނީ އަތުގައި މާގިނަ ފައިސާތަކެއް ހުރެގެނެއް ނޫނެވެ. ކޮންމެ ޙާލެއްގައިވެސް ކުރަންޖެހޭ ކަމަކަށްވާތީއެވެ. މަންމައާއި ބައްޕަގެ ކިބައިން އެދެނީ އެންމެ ކަމަކަށެވެ. އެއީ އަހުރެމެން ދެމަފިރިންނަށްޓަކައި ހެޔޮދުޢާކޮށްދިނުމެވެ."
މަންމަ ވަރަށް އުފާވިއެވެ. އިންތަނުން ތެދުވީވެސް ދެދަރިންނަށްޓަކައި ހެޔޮދުޢާކުރަމުންނެވެ. އެދެމަފިރިން ބައްޕައަށްޓަކައި ޚަރަދުކުރީ ޢުމްރާވުމަށް އެއްކޮށްފައި ހުރި ފައިސާކޮޅުންނެވެ.
ދެން މިބުނަނީ ނަތީޖާއެވެ. ދެމަފިރިންނަށްވެސް ފުލުފުލުގައި ވަޒީފާގެ ކުރިއެރުން ލިބުނެވެ. ލިބޭ އާމްދަނީ ބޮޑުތަނުން އިތުރުވިއެވެ. ސަރުކާރުން ހުޅުމާލެއިން ދޫކުރާ ފްލެޓެއް ލިބި އެއިރު މަހަކު ދައްކަމުން އައި 15000 ރުފިޔާގެ ބަދަލުގައި 5000 ރުފިޔާއިން ފުދެން ފެށިއެވެ. ބޮޑުތަނުން ތަނަވަސްކަން އިތުރުވިއެވެ.
މިހުރީ ޢިބްރަތް ޙާޞިލުކުރަންޖެހޭ ކަންކަމެވެ. މައިންބަފައިންނަށް ޚަރަދުކުރާނަމަ އެމީހަކަށް ހުރިހާ ގޮތަކުންވެސް ކުރިއެރުން ލިބިގެންދާނެކަމުގެ ހެކިތަކެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް