ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން 07 އަތޮޅެއްގައި 'އުފާވެރި ރާސްތާ' ޕްރޮގްރާމްތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެގޮތުން، މި ޕްރޮގްރާމުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ލ.މާމެންދޫ، ގއ.ދާންދޫ، ހދ.ކުރިނބީ، ށ.މިލަންދޫ، ރ.އިނގުރައިދޫ، ކ.ތުލުސްދޫ އަދި ހއ.ކެލާއެވެ. އުމުރުން ދުވަސްވީ މީހުންނަށް އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ މި ޕްރޮގްރާމުތައް ކުރިއަށްދާނީ 01 އޮކްޓޯބަރ 2025 ވާ ބުދަ ދުވަހުގައެވެ. މި ޕްރޮގްރާމް ކުރިއަށްދާ ގޮތަށް ހަމަޖެހިފައިވަނީ މި ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެންނެވެ.
އުފާވެރި ރާސްތާ ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ އުފާވެރި މާހައުލަކުން އިސްރަށްވެހިން އެކަކު އަނެކަކާއި ބައްދަލުވެ ޚިޔާލު ބަދަލް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އަދި އިޖުތިމާޢީ އަދި ސިއްހީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބުމަށް އެފަރާތްތައް ސަމާލުކަންދޭންވީ މުހިންމުކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމެވެ.
ހަމައެހެންމެ، މި ޕްރޮގްރާމަކީ، އިސްރަށްވެހިންގެ ދިރިއުޅުމުގެ ތަޖުރިބާތައް މި ޖީލާއި ހިއްސާކޮށްލުމުގެ ފުރުޞަތު ވެސް ލިބިގެންދާ އުފާވެރި ޕްރޮގްރާމެކެވެ.
ހަބަރު: ސަރުކާރު