ދިރާގަށް 37 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މޭސްތިރިއެއްގެ ހައިސިއްޔަތުން އެކުންފުނިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން، ކަސްޓަމަރުންނަށް ހާއްސަ ގިނަ އޮފަރތަކެއް ތައާރަފްކޮށްފިއެވެ.
މި އުފާވެރި މުނާސަބަތުގައި، ދިރާގުން މި އޮފަރތައް އިއުލާނުކޮށްފައިވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސެއްގައެވެ.
މި އޮފާތަކަކީ ދިރާގުގެ ދިގު ދަތުރުގައި ކަސްޓަމަރުން ދީފައިވާ އެއްބާރުލުމާއި އިތުބާރަށް ޝުކުރު އަދާކުރުމުގެ ގޮތުން، އަދި އެކުންފުނީގެ 37 ވަނަ އަހަރީ ދުވަހުގެ އުފަލުގައި ބައިވެރިކުރުމުގެ މަޤްޞަދުގައި ތައްޔާރުކޮށްފައިވާ ހަދިޔާތަކެކެވެ.
ދިރާގުގެ ޗީފް ކޮމަރޝަލް އޮފިސަރ އަލީ ރިޔާޒް ވަނީ ދިރާގުގެ ކާމިޔާބީގެ ބައިވެރިން ކަމުގައިވާ ކަސްޓަމަރުންނަށް ޝުކުރު އަދާކޮށްފައެވެ.
"ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން މި ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތައް ގުޅުވާލައި، ބާރުވެރިކޮށް، އެންމެ ރަނގަޅު ފެންވަރުގެ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް. މި ގޮތުން، ދިރާގަށް 37 އަހަރު ފުރުމުގެ މުނާސަބަތުގައި ކަސްޓަމަރުންގެ އަގު ވަޒަންކޮށް މި އުފަލުގައި ބައިވެރިކުރުމުގެ މަގުސަދުގައި މި ވަނީ ހާއްސަ އޮފަރތަކެއް ތައްޔާރުކޮށްފައި" އަލީ ރިޔާޒް ވިދާޅުވިއެވެ.
ދިރާގުގެ 37 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ތައާރަފްކޮށްފައިވާ އޮފަތަކަކީ:
37 ޖީބީ ހިލޭ، 24 ގަޑީރަށް: ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 1 އޮކްޓޫބަރު 2025ވަނަ ދުވަހުގެ 10:00 އިން 18:00 އާ ދެމެދު *225# އަށް ޑައިލްކޮށްގެން 24 ގަޑިއިރަށް 37ޖީބީ ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެއެވެ.
ދިރާގު x އައިސިކް: ރާއްޖޭގައި ކިޔަވަމުންދާ ދަރިވަރުންނަށް ފަރުމާކޮށްފައިވާ މި ޕްލޭން މެދުވެރިކޮށް އައިސިކް އަދި ދިވެހި ޕަރޓްނަރުންގެ ފަރާތުން ހާއްސަ އޮފަރތަކާއި، ޓެލެކޮމް އިނާޔަތްތައް ލިބިގެންދާނެއެވެ. މި ޕްލޭނަށް ދިރާގުއެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ސަބްސްކްރައިބް ކުރެވޭނެއެވެ.
އާއިލާއަށް ހަދިޔާ ދީގެން ހަދިޔާއެއް: ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން، ދިރާގުއެޕް މެދުވެރިކޮށް އާއިލާގެ ފަރާތްތަކަށް ޑޭޓާ ހަދިޔާކޮށްގެން ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.
ދިރާގު ނެޓްޕްރޮޓެކްޓް: އޭއައިގެ އެހީތެރިކަމާއެކު އިންޓަރނެޓްގެ ރައްކާތެރިކަން އެންމެ 35 ރުފިޔާއިން ފެށިގެން ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މި ހިދުމަތް ދިރާގުއެޕް މެދުވެރިކޮށް އެކްޓިވޭޓްކުރެވޭނެއެވެ.
މި އޮފާތަކާއި ބެހޭ މައުލޫމާތު www.dhiraagu.com.mv އިން ލިބެން ހުންނާނެއެވެ.
ދިރާގު އުފެދުމުގެ ކުރިން ރާއްޖޭގެ މުވާސަލާތު ވަރަށް ދަތިވި ނަމަވެސް، ދިރާގުން ވަނީ ރާއްޖެއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައެވެ. އެގޮތުން، 1988 ވަނަ އަހަރު ފޯނު ބޫތުތައް ބަހައްޓައި 7 އަތޮޅެއް ގުޅާލިއެވެ. ފުރަތަމަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއް ޓެލެފޯނުން ގުޅާލެވުނެވެ. 1996 ގައި އިންޓަރނެޓް ހިދުމަތް ތައާރަފްކުރުމަށްފަހު، ޖެހިގެން އައި އަހަރު މޯބައިލް ފޯނުގެ ޚިދުމަތްވެސް ތައާރަފްކުރިއެވެ. 2008 ވަނަ އަހަރު މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 100% މޯބައިލް ކަވަރޭޖް ފޯރުކޮށްދިނުމަކީ ދިރާގުގެ ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ. މިއަދު ދިރާގަކީ ރާއްޖޭގައި އެންމެ ގިނަ ކަސްޓަމަރުން ތިބި ނެޓްވޯކެވެ.
ފާއިތުވި އަހަރުގެ ތެރޭގައި ދިރާގުން ވަނީ މުހިންމު ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އެގޮތުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފައިބަރ ބްރޮޑްބޭންޑް ހިދުމަތް ފޯރުކޮށްދީ، ކޮންމެ ގޭބީސީއަކަށް ހައި ސްޕީޑް އިންޓަރނެޓްގެ ދޮރު ހުޅުވާލިއެވެ. މީގެ އިތުރުން ރާއްޖެއާއި ސައުތު އޭޝިއާގައި ފުރަތަމަ ފަހަރަށް ކޮމާޝިއަލް 5ޖީ ތައާރަފްކޮށް، ފާއިތުވި އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީގެ 73 އިންސައްތައަށް 5ޖީގެ ޚިދުމަތް ވަނީ ފޯރުކޮށްދީފައެވެ.
އަދި ރާއްޖޭގެ އެންމެ ފުރަތަމަ ޓިއަރ-4 ސެޓިފިކޭޝަން ހޯދާފައިވާ ޑޭޓާ ސެންޓަރު ދިރާގުން ހުޅުވުމާއެކު، ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ރާއްޖެއަށް ގުޅާލައި ދުނިޔެއާ އޮތް ގުޅުން ވަރުގަދަކުރިއެވެ. އޫކްލާ ސްޕީޑް ޓެސްޓުން 'ފާސްޓެސްޓް 5ޖީ ނެޓްވޯކް އިން މޯލްޑިވްސް' އެވޯޑު ދިރާގަށް ލިބިފައިވާއިރު، އީ-ވޮލެޓް ހިދުމަތް ދިރާގުޕޭގެ އައު ޕްލެޓްފޯމްވެސް ތައާރަފްކުރިއެވެ. އީސްޕޯޓްސް ކުރިއެރުވުމަށް ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މަޝްރޫއަކީވެސް ފާހަގަކޮށްލެވޭ ކަމެކެވެ.
އިޖުތިމާޢީ ޒިންމާ އަދާކުރުމަށް ދިރާގުން ބޮޑު އަހަންމިއްޔަތުކަމެއް ދެއެވެ. އެގޮތުން، ޝާމިލު މުޖުތަމައުއެއް ބިނާކުރުމާއި، ކުޑަކުދިން ރައްކާތެރިކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމާއި، އަންހެނުން ބާރުވެރިކުރުވުމާއި، ޑިޖިޓަލް ލިޓްރަސީ އަދި ޒުވާނުންގެ ހުނަރު ކުރިއެރުވުމުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމަށް ދިރާގުން މަސައްކަތް ކުރެއެވެ.
ދިރާގަކީ ރާއްޖެ ޑިޖިޓަލައިޒޭޝަނަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ބައިވެރިއެކެވެ. އެ ކުންފުނީގެ މަސައްކަތްތަކުގެ ސަބަބުން އާއިލާތަކާއި ރަހުމަތްތެރިން ގުޅުވާލަދީ، ދަރިވަރުންނަށް އުނގެނުމުގެ ފުރުސަތު ފަހިކޮށް، ވިޔަފާރިތައް ބައިނަލްއަގުވާމީ މައިދާނާ ގުޅުވައި، ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމަށް އެހީތެރިވެދިނުމުން، 37 އަހަރުގެ ދިގު ތާރީޚާއެކު ދިރާގުން ދަނީ ދިރިއުޅުމުގެ ފެންވަރު ތަރައްގީކުރުމަށް މުހިންމު ދައުރެއް އަދާކުރަމުންނެވެ.