ރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ ދަރަންޏަށް ލުއި ގޮތްތަކެއް ހޯދިފައިވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ ވިދާޅުވެއްޖެއެވެ. މިކަން ސަފީރު ހާމަކުރެއްވީ ޗައިނާގެ 76 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައެވެ.
"އަޅުގަނޑު މިހާރު ފަޚުރުވެރިކަމާއި އެކު އިއުލާން ކުރަން ކަމާއި ގުޅުންހުރި ފަރާތްތަކާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު ދަރަންޏަށް ލުއި ގޮތްތަކެއް ހޯދައިދޭން ގޮތެއް ނިންމިފައިވާ ކަމަށް،" ސަފީރު ވިދާޅުވިއެވެ. އަދި މިކަމުން ދައްކުވައިދެނީ ޗައިނާ ސަރުކާރުން ދިވެހިރާއްޖޭގެ މާލީ ހާލަތުގެ ދެމެހެއްޓެނިވިކަން ޤަބޫލުކޮށް، އެކަން އިސްލާހުކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ބަލައިގަނެފައިވާކަމާއި ދިވެހި އިޤްތިޞާދުގެ ޤާބިލްކަމަށް ޗައިނާ ސަރުކާރުން އޮތް އިތުބާރު ކަމަށްވެސް ސަފީރު ފާހަގަކުރެއްވިއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސަފީރު ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް އަލިއަޅުވާލައްވާފައެވެ. މިގޮތުން، ދެ ޤައުމު ދެމެދު ޚާރިޖީ ގުޅުން ޤާއިމް ކުރެވުނުތާ 53 އަހަރު ވެގެން ދިޔައިރު، މިގުޅުން ގިނަ ހަރުފަތްތަކެއް ގިރާކޮށްފައިވާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރު ޗައިނާއަށް ކުރެއްވި ދަތުރުފުޅުން މިގުޅުން މުޅިން އައު ހަރުފަތަކަށް ޖެހިފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.
ސަފީރު އިތުރަށް ވިދާޅުވީ ދިވެހި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތަކަށް ތާޢީދުކުރައްވާ ކަމަށާއި، ދިވެހި އިޤްތިޞާދަށް ހަރުދަނާ ބަދަލުތަކެއް ރައީސްގެ މަސައްކަތްޕުޅުން ގެންނަވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް، ދަރަންޏަށް ލުއިގޮތްތައް ހޯދުމަށް ނިންމާފައިވާ ގޮތްތަކުގެ އިތުރު ތަފްސީލެއް ސަފީރު ހާމައެއް ނުކުރައްވައެވެ.