އެއްވެސް ބިރެއް ޖެހިލުމެއް ނެތި ޣައްޒާ އަށް އެހީ ހިފައިގެންދާ ފްލޮޓިއްލާ ދަތުރުގައި ބައިވެރިވި ދިވެއްސެއްގެ ހިތްވަރު

މިއަދު
ކިޔުމަށް ހޭދަވާނީ 10މ 21ސ
އެއްވެސް ބިރެއް ޖެހިލުމެއް ނެތި ޣައްޒާ އަށް އެހީ ހިފައިގެންދާ ފްލޮޓިއްލާ ދަތުރުގައި ބައިވެރިވި ދިވެއްސެއްގެ ހިތްވަރު

ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ރޮއެ ކަރުނަ އަޅަމުންދަނީ ހައިހޫނުކަން ފިލުވައިދޭނެ އެހީގެ އަތްތަކަކަށް އެދިއެވެ. އަނިޔާވެރި ޙަމަލާތަކުން ފުރާނަ ސަލާމަތްކޮށްދޭނެ މަދަދެއް ލިބޭތޯއެވެ. ބަނޑަށްޖެހިފައިވާ ކުޑަކުދިންނާއި މުސްކުޅިން އަދި ހަރުމީހުންނާއި ޒުވާނުން ކޮޅުކޮޅުމައްޗަށް ދުވަނީ ކާނެ އެއްޗެއް ނޫނީ އުނުއޮރިޔާން ނިވާކުރާނެ އަންނައުނުކޮޅެއް ލިބޭތޯއެވެ. ނަމަވެސް ދުނިޔެވަނީ މިކަމަށް ނުކުޅެދިފައެވެ.

އެހީތެރިވެދޭން ބޭނުންވާ ޤައުމުތަކަށްވެސް، ޖަމާޢަތްތަކަށްވެސް ޣައްޒާގެ ރައްޔިތުންނާ ހަމަޔަށް ދެވޭނެ ގޮތެއް ނެތެވެ. ކަނޑުމަގުން އެހީގެ ސާމާނު ގެންދިޔުމަކީވެސް ޔަހޫދީ އަނިޔާވެރި ދައުލަތުން ފުރުސަތުދޭކަމެއް ނޫނެވެ. އެހެންނަމަވެސް ކަނޑުމަގުންގޮސް ޣައްޒާގެ ޙިޞާރު ފޫއަޅުވާލުމަށް ގްލޯބަލް ފްލޮޓިއްލާއިން ފަށާފައިވާ ދަތުރަކީ އެއީ ނުރައްކަލުން ފުރިގެންވީ މަގެކެވެ. އިސްރާއީލުގެ އަނިޔާވެރި ސިފައިންގެ ރާޑަރަށް ނާރައި ޢައްޒާއަށް އެތެރެ ވުމަކީ ނާދިރުކަމެކެވެ.

މި ބިރުވެރި ދަތުރައިގެން "ގްލޯބަލް ސުމޫދް ފްލޮޓީލާ"ގެ ބޯޓުތައް މަޑުމަޑުން ފަލަސްޠީނުގެ ޣައްޒާއާ ކައިރިއަށް އެބަ ދަތުރުކުރެއެވެ. ހިތްވަރުގަދަ ނޭވިންނާއި ފަޅުވެރިންނާއި އިންސާނީ އެހީގެ ސާމާނުތަކާ ހަވާލުވެގެން ތިބި ހަވާލުދާރުން "ގްލޯބަލް ސުމޫދް ފްލޮޓީލާ"ގެ ބޯޓުތަކުގެ އެތެރޭގައި އެބަ ތިއްބެވެ. މި ބޯޓުތަކުގައި ދިވެހި ލޭހިނގާ ދިވެހި ދަރިއަކު އެބަ ހިމެނެއެވެ. އެއީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ގެ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް ޝާޒްއެވެ.

ތޫނިސްގެ ގަމާތު ޕޯޓުން ނައްޓާލައިގެން ފްލޮޓިއްލާގެ އިތުރު ބޯޓުތަކާ އެކީގައި ޝާޒް ދަތުރުކުރާ ބޯޓު ވަނީ ދަތުރު ފަށާފައެވެ. ޣައްޒާއަށް އިންސާނީ އެހީގެ ސާމާނު ހިފައިން ނުރައްކާތެރި ދަތުރެއް ކުރަމުން އަންނަ ޝާޒް ވަނީ އެ ބޯޓުތެރޭގައި ހުރެ ވީޑިޔޯ މެސެޖެއް ޕީއެސްއެމް ނިއުސްއާ ހިއްސާކޮށްފައެވެ. ޝާޒްގެ ވީޑިޔޯ މެސެޖުގައި ބުނިގޮތުން މިއީ ވަރަށްވެސް ހައްސާސްކަން އެކުލެވޭ ދަތުރެކެވެ. މި ދަތުރުގައި އޮތީ އިސްރާއީލުގެ އަނިޔާވެރި ސިފައިންގެ ނުރައްކާތެރި ހަމާލާއަކާ ކުރިމަތިވުމެވެ. ނުވަތަ އެމީހުންގެ ރާޑަރުތަކުން ސަލާމަތްވެ އެހީގެ ސާމާނުތަކައިގެން ފަލަސްޠީނުގެ ޣައްޒާއަށް އެތެރެވުމެވެ. މިގޮތަށް ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީގެ ސާމާނާއެކު ދަތުރު ކުރާ ބޯޓުފަހަރަށް އިސްރާއީލުގެ އަނިޔާވެރި ސިފައިން އަރާ މީހުން ރަހީނުކޮށް ހަދާ ކަމަށް އޭނާ ބުނެފަިއވެއެވެ.

ޝާޒްގެ ވާހަކައިން ހާމަވީ މިވަގުތަށް އަދި އެފަދަ ނުރައްކަލެއް ކުރިމަތި ނުވެ ޣައްޒާއާ ގާތްވަމުންދާކަމެވެ. ނަމަވެސް ދަތުރުމަތީގައި ކުރިއަށްހުރި ވަގުތުތަކުގައި ކަންތައް ވާނެ ގޮތެއް ޚުދު ޝާޒްއަކަަށްވެސް ނޭނގެއެވެ. ޝާޒްގެ މި ދަތުރަކީ ދިވެހިންގެ މަސައްކަތުން ހޯދާފައިވާ އެހީގެ ސާމާނުތައް ހިފައިން ކުރާ ދަތުރެކެވެ. އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކަށް ފަސްޖެހުމެއްނެތި ޝާޒް އެ ނުކުތީ ދިވެހިން ހެޔޮ ހިތުން ފަލަސްޠީނުގެ ރައްޔިތުންނަށް ދިން އެހީގެ ސާމާނުތައް އަމާނާތްތެރިކަމާއެކު އޭގެ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށެވެ.

ޝާޒް ކުރަމުން އަން ދަތުރުގެ އަދާހަމަކުރުންތައް ކޮންމެ ދުވަހަކުވެސް އޭނާ އެބަ ހިއްސާކުރެއެވެ. މީސްމީޑިޔާގެ މަންސަތަކުގައި ޝާޒް ކޮންމެ ދުވަހަކު ހިއްސާ ކުރާ ވީޑިޔޯތަކަށް އާންމުން އަންނަނީ ޝުކުރުވެރިކަމުގެ ކޮމެންޓުތައް ކުރަމުންނެވެ.

ދިވެހިންނަކީ ފަލަސްޠީނުގެ ހައްގުގައި ފަރުދީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރާ ބައެކެވެ. ފަންޑްރައިޒިންގ އިވެންޓުތަކާއި ފައިސާއާއި ކާބޯތަކެތި ފަލަސްޠީނު ރައްޔިތުންނަށް ހޯދައި ދިނުމަށް ކެމްޕެއިންތައް އަބަދުވެސް ދިވެހިން ބާއްވައެވެ.

މިއީ ދިވެހި ރައްޔިތުންގެ ހިތުގައި ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންނާމެދު އޮންނަ ލޯތްބެވެ. މި ލޯބި ހިފައިގެން ނުރައްކާތެރި ދަތުރެއް ކުރަމުން އަންނަ ޝާޒްއަށް ދިވެހިންގެ ހިފެހެއްޓުމެއް ނެތް ލޯތްބާ ތަޢުރީފު މީސްމީޑިޔާއަށް ދަނީ އޮއްސަމުންނެވެ. 

ކެތްތެރިކަމެއްނެތި ދިވެހިން ނުތަނަވަސް ހިތަކައިގެން އިންތިޒާރު ކުރަމުން އަންނަނީ "ސަލާމަތް ދަތުރަކައިގެން ފަލަސްޠީނުގެ ޣައްޒާއަށް ވަދެވިއްޖެ" ކަމަށް ބުނެ ޝާޒް ހިއްސާ ކުރާނެ ވީޑިޔޯއަކަށެވެ.

"ގްލޯބަލް ސުމޫދް ފްލޮޓީލާ" ގައި ހިމެނޭ ބޯޓުތަކުގެ މިސްރާބު މިހާރު ހުރީ ފަލަސްތީނުގެ ޣައްޒާއާ ހިސާބުގައެވެ. އެ ބޯޓުތައް މިހާރު ވަނީ ޣައްޒާގެ "ވަސް" ޖެހޭ ހިސާބުގައެވެ. އެއްވެސް ބަޔަކު ހުރަސް ނާޅައިފި ނަމަ، އެކެއް ނޫނީ ދެ ދުވަސް ތެރޭގައި ޣައްޒާގެ ކަނޑުގެ ސަރަހައްދަށް ވަދެވޭނެއެވެ. އިއްޔެ އިރުއޮއްސުނު ފަހުން މި ބޯޓުތައް "ރީނދޫ ސަރަހައްދަށް" ވަދެފައިވާއިރު، އެންމެ ބިރުވެރި ސަރަހައްދަށް ވަންނަން ދެން މާ ގިނަ ވަގުތެއް ނެތެވެ.

ފްލޯޓިލާގެ ޓްރެކަރުން ބުނާ ގޮތުގައި އިސްރާއީލުން ޣައްޒާ ހިފުމުގެ ރޭވުން މުގުރާލައި، އެ ސިޓީގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަގުސަދުގައި މިހާރު ޣައްޒާއާ ދިމާއަށް 47 އުޅަނދެއް ދަތުރުކުރަމުން އެބަ ދެއެވެ.

 އައިއޭސީން ވިދާޅުވީ އޮބްޒާވާ ބޯޓުގައި ހިސޯރު ނައްތާލުމަށް ކުރެވޭ މި މަސައްކަތުގައި ބައިވެރިވުމަކީ މުޅި އައިއޭސީގެ ޓީމަށް ލިބުނު ފަހުރެއް ކަމަށެވެ. ޝާޒް ދަނީ މި ދަތުރުގެ އަދާހަމަ އޭނާގެ މީސް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ. 

ދަތުރު ފެށުމުގެ ކުރިންވެސް ދަތުރުގެ ތެރެއިންވެސް އަދާހަމަ ހިއްސާ ކުރަމުންދާ ޝާޒް ދަތުރުގެ ދެވަނަ ދުވަސް ހިއްސާ ކުރަމުން ބުނީ އެއް ދުވަހުގެ ދަތުރަކަށް ފަހު އިޓަލީގެ ޕޯޓަޕާލޯ ބަނދަރަށް އާދެވިފައިވާ ކަަމަށެެވެ.

"އަލްހަމްދުﷲ، ފުރަތަމަ ދުވަހު ވަރަށް ކަނޑުގަދަކޮށް ދިޔައީ، ދެން އަނެއްކާ ނިދާފައި އޮއްވާ، މަ ހީކުރީ ރާޅު ޖަހަނީ ކަމަށް، ބަލައިލިއިރު، ފިއުލް، ލީކް ވެގެން، ޕެޓްރޯލުން މަ އޮތީ ތެމިފައި، ދެން ކެޕްޓަނަށް ގޮވައިގެން ތެދުވެ، ކްރޫންނާއެކު މުޅި ތަން، އޭތީ ޕެޗްކޮށްފައި، މުޅި ޑެކް ދޮވެ ހުރިހާ ކަމެއް ކޮށްފައި، ރަނގަޅަށް ނުވެެސް ނިދުން، އަނެއްކާ ދެކޮޅަށް ދުވަން ހެދީމަ، ކަނޑު އެހާ ގަދައިރު، ކުޑަކޮށް ބޯގުޑާލާފައި ހުރީ،". އެ ދުވަހުގެ ހާލަތު ކިޔައި ދެމުން ޝާޒް ބުންޏެވެ.

މި ދަތުރުގައި ދިމާވެދާނެ ކަންކަން ވެސް ޝާޒް ވަނީ ވީޑިއޯއެއް މެދުވެރިކޮށް ހިއްސާ ކޮށްފައެވެ.

އޭނާ ބުނީ، ޔަހޫދީންގެ ނުފޫޒު ނުފޯރާ އެއްވެސް ގައުމެއް ދުނިޔޭގައި ނެތް ކަމަށެވެ. އެހެންކަމުން މަޑުކުރާ ކޮންމެ ބަނދަރަކީ އެކި ކަހަލަ ގޮންޖެހުންތައް ދިމާވާނެ ބަނދަރެއް ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނިގޮތުގައި ބޯޓު އެކި ގައުމުތަކުގެ ބަނދަރުގައި އަޅާފައި އޮންނައިރު، ސެކިއުރިޓީގައި ހޭލާ ބަޔަކު ތިބެއެވެ. އަދި އެގޮތަށް ހޭލާ ތިބޭއިރުވެސް އަޅައިގަންނަ ކަންތައްތައް ދިމާވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

"ދަންވަރު އެއްކޮށް މުޅި، ރޭ މަހެއް ނުބާނާ، އެކަމަކު ދޮށި އެއްލައިގެން، ފަޅު ކައިރީގައި ބޯޓު ކައިރީގައި ދެ މީހުން ތިބި، ދެ ކާރެއް ދިޔަ މަޑުކޮށްލާފައި، ކުޑަކޮށް ބޯޓު ތެރެ ބަލައިލާ، ހޭލާ މީހުން ތިބިތަން ފެނުނީމަ ނައްޓާލަނީ އެކަހަލަ ގޮތަކަށް،". އިޓަލީގެ ސިސިލީ ބަނދަރު ސަރަހައްދުގައި ބޯޓު މަޑުކޮށްގެން އޮއްވާ ދިމާވި ކަންކަން ހިއްސާ ކުރަމުން އޭނާ ބުންޏެެވެ.

މި ދަތުރުގައި ހިމެނޭ ބައެއް ބޯޓުތަކަށް މައްސަލަތައް ދިމާވެގެން ބޯޓުތައް ވަނީ ދަތުރު މެދުކަނޑާލައިފައެވެ. އެކަމަކު އޭނާ ހަރަކާތްތެރިވަނީ އޮބްޒާވާ ބޯޓެއްގައި ކަމުން، އެކުގައި ހަރަކާތްތެރިވާ ބޯޓުތަކަށް ދިމާވާ މައްސަލަތައް ބަލައެވެ. މި ބޯޓުތައް އާއްމުކޮށް ބަނދަރުތަކުގައި މަޑު ކުރަނީ ތެޔޮ އެޅުމާއި، މަރާމާތުގެ މަސައްކަތްތަކަށެވެ.

 

"އެއްކޮށް ނައްޓާލަން ރެޑީގައި އެބަ އުޅޭ ބައެެއް ބޯޓުތައް، އެެކަމަކު %100 އަސްލު ސެކުއާއެއް ނޫން، ދެން އޮބްޒާވާ ބޯޓެއްގެ ހައިސިއްޔަތުން އަހަރުމެންގެ ޒިންމާ އެކަމުގައި ވަރަށް ބޮޑު، ޕާޓިސިޕެންޓުންގެ ރައްކާތެރިކަމަކީވެސް އަހަރުމެން ވަރަށް ބަލަން ޖެހޭ ކަމެއް. މިޝަންގެ އާޖެންސީގައި، ޣައްޒާގެ ހިސާރު ނައްތާލުމަށް ކުރާ މަސައްކަތް ވީހާވެސް ފުޅާކޮށް، ވީހާވެސް ގިނަބަޔަކު ބައިވެރިވެގެން ވީހާވެސް އަވަހަށް ކުރުން، އެއީ ވަރަށް މުހިންމު ކަމެއް، އެހެން ނަމަވެސް ބައިވެރިވާ ކޮންމެ ބައެއްގެ ރައްކާތެރިކަން އެއީ އަހަރުމެންގެ ޒިންމާއެއް،" އޭނާ ބުންޏެވެ.

މީގެ ހަތަރު ދުވަސް ކުރިން ޝާޒް ހިއްސާ ކުރި އަދާހަމައިގައި ބުނީ ދަތުރު ކުރަމުން އައީ ބެލުމުގެ ދަށުގައި އޮތް ހަތަރު ބޯޓާ އެކުގައި ކަމަށެވެ. އަދި ވަރަށް ބާރު ކޮޅިގަނޑެއްގަައިވެސް ޖެހުނު ކަމަށް ބުންޏެވެ. އޭނާ ކިޔައި ދިންގޮތުގައި ތިން ބޯޓަށް މައްސަލަ ޖެހިގެން އަނބުރާ ދާން ޖެހުނީއެވެ. 

ޝާޒް އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދަކީ ވަރަށް އިވެންޓްފުލް ދުވަހެއް ކަމަށެވެ. އެއީ ހުރިހާ ފްލޮޓިލާއާ ދިމާވުމާއި، ކުރިން ދިމާވެފައި ތިބި މޫނުތަކެއް ފެނުމުން ކަމަށް އޭނާ ބުންޏެވެ. އަދި ބައެއް ބޯޓުތަކަށް އެހީ ފޯރުކޮށްދިން ކަމަށް ބުނެފައިވެއެވެ.

މިގޮތުން ކާތަކެތި އެއްޗެހި ބޯޓަކަށް ފޯރުކޮށްދިން ކަމަށް ބުންޏެވެ.

"ފްލޮޓިލާ ޕްލޭން ކުރާ ގޮތަށް ވިއްޔާ، މިހާރު މޫވް ކުރަނީ އެއީ ޣައްޒާއާ ދިމާލަށް، ދެންމެ ޑިސައިޑް ކުރީ އޮބްޒާވާ ބޯޓު ދާނީ ގާތްގަނޑަށް އެންމެ ކައިރިއަށްވެސް 150 ނޯޓިކަލް މައިލްއަށޭ، އެއަށްވުރެ ކައިރިއަށް ގޮސްފައި، އިންޓަސެޕްޝަންގެ ރިސްކެއް ނުނަގާނެއޭ، އެހެންވީމަ ގާތްގަނޑަކަށް މިރޭ ދަންވަރު 2:00 ޖަހާއިރު އަހަރުމެންނަށް ޖެހޭނެ ކަންނޭނގެ ޑައިވާޓްކޮށްލަން ފްލޮޓިލާ ދޫކޮށްލާފައި ސޭފް ޕޯޓްއަކަށް، އެއީ އެންމެ ފަހުގެ އަޕްޑޭޓް މިވަގުތަށް، އެނޫން ގޮތެއް ވިއްޔާ މާދަމާ ހެނދުނު އެނގޭނެ،،". އޭނާގެ ޕޯސްޓްގައި ވެއެވެ.

މިއީ އިސްރާއީލަށް ވަރަށް އުނދަގޫ ބޮޑު ހަރަކާތެކެވެ. މި ބޯޓުތަކުގެ ސަލާމަތީ ކަންކަން ގައުމުތަކުން ދަނީ ބަލަމުންނެވެ. އޭގެ ތެރޭގައި އިޓަލީ، ސްޕެއިން، ތުރުކީ ހިމެނެއެވެ. 

މެޑިޓެރޭނިއަން ކަނޑުގައި ގްލޯބަލް ސުމުދު ފްލީޓުން ރިޕޯޓް ކުރާ ހަސަން މަސްއޫދު މީގެ ފަސް ގަޑިއިރު ކުރިން ބުނިގޮތުގައި މި ފްލޮޓިލާގެ ބޯޓުތައް ދަތުރު ކުރަމުން ދަނީ ޣައްޒާއާ ގާތްގަނޑަކަށް 370 ކިލޯމީޓަރު ދުރުންނެވެ.

އަދި އިސްރާއިލުގެ އިންޒާރުގެ ސަބަބުން ކޮންމެ ވަގުތަކުވެސް ކަނޑުގެ ސިފައިންގެ ހުރަސް އެޅިދާނެ ކަމަށް އެންމެން ވެސް ލަފާ ކުރާ "ޑޭންޖާ އޭރިއާ" ގެ ގޮތުގައި ފާހަގަކޮށްފައިވާ ސަރަހައްދަށް މިހާރު ވަންނަން ދަނީ ކަަމަށްވެސް ބުނެފައި ވެއެވެ. މި ފްލޮޓިލާ ކުރިއަށް ދާއިރު، ހުރިހާ ބައިވެރިން ވެސް ތިބީ ބޯޓުގައި ކަމަށްވެސް ބުނެފައި ވެއެވެ

ގްލޯބަލް ސުމުދް ފްލޮޓިލާ އިން މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ޣައްޒާއަށް ދަތުރުކުރާ އެ ފްލީޓް މިހާރު ހިރާސް ބޮޑު ޒޯނަށް ވަދެފައިވާ ކަމަށެވެ.

ޖީއެސްއެފް އިން ބުނީ ފްލޮޓިލާގައި ޑްރޯންގެ ހަރަކާތް އިތުރުވަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން ގަޑިއިރުގެ ތެރޭގައި ތަފާތު މަންޒަރުތައް ފެންނާނެ ކަމަށް ވެއެވެ. އިސްރާއިލުގެ ޕަބްލިކް ބްރޯޑްކާސްޓަރު ކާން އިން ރިޕޯޓް ކުރާ ގޮތުގައި އިސްރާއިލުން ގަސްތުކުރަނީ ގްލޯބަލް ސުމޫދު ފްލޮޓިލާގެ ކޮންޓްރޯލް ނެގުމަށެވެ.

މިހާރު ފްލޮޓިލާގެ ބޯޓުތަކާއި ދިމާލުން ގޮތް ނޭނގޭ އުޅަނދުތަކެއް ދަނީ ފެންނަމުންނެވެ.

މި ފްލޮޓިލާއާ އެކު ސްޕެއިން އާއި އިޓަލީގެ އުޅަނދުތައް ދަތުރު ކުރަމުން އަންނައިރު، ތުރުކީގެ ޑްރޯންތައް ވެސް ދަނީ އެ ފްލޮޓިލާއާ އެކު ދަތުރު ކުރަމުންނެވެ

ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް ދިމާވެފައިވާ ހައިހޫނުކަމާއި އަނިޔާވެރިކަމުން ސަލާމަތްވުމަށް އެދި އެހީތެރިކަމަށް ގޮވައިލަމުންދާއިރު، އެހީދޭން ބޭނުންވާ ޤައުމުތަކާއި ޖަމާޢަތްތަކަށް ޣައްޒާއާ ހަމަޔަށް އެހީގެ ސާމާނު ގެންދެވޭނެ ގޮތެއްނެތެވެ. ޔަހޫދީ ދައުލަތުން ވަނީ ކަނޑުމަގުން އެހީގެ ސާމާނު ގެންދިޔުން މަނާކޮށްފައެވެ.

މި ދަތުރުގައި އިސްރާއީލުގެ ހަމަލާއަކާ ކުރިމަތިވުމުގެ ނުރައްކާ އޮތްކަމަށް ޝާޒް ބުނާއިރު، އޭނާ ފާހަގަކުރީ ބޯޓުތައް ޣައްޒާއަށް ގާތްވެ، "ނުރައްކާތެރި ސަރަހައްދަށް" ވަނުމުން ކަންކަން ބަދަލުވެދާނެ ކަމަށެވެ. ދިވެހި ރައްޔިތުން ދަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޝާޒްގެ މި ނުރައްކާތެރި ދަތުރަށް ދިވެހިންގެ ވަރަށް ބޮޑު ތާއީދާއި ލޯބި ދަނީ ލިބެމުންނެވެ.

މިވަގުތު ގްލޯބަލް ސުމޫދް ފްލޮޓިއްލާ ވަނީ ޣައްޒާއާ 370 ކިލޯމީޓަރު ދުރުގައި ހުރެ، "ހިރާސް ބޮޑު ޒޯނަށް" ވަދެފައެވެ. މި ސަރަހައްދުގައި ޑްރޯންގެ ހަރަކާތްތައް އިތުރުވެ، އިސްރާއީލުން ފްލޮޓިއްލާގެ ކޮންޓްރޯލް ނެގުމަށް ގަސްތުކުރާކަމަށް ވެއެވެ. ޝާޒް ހިއްސާކުރި އެންމެ ފަހުގެ މައުލޫމާތުތަކުން އެނގޭގޮތުގައި އޮބްޒާވަރ ބޯޓު ޣައްޒާއާ 150 ނޯޓިކަލް މޭލަށް ގާތްކޮށް، އެއަށްވުރެ ކައިރިއަށް ނުގޮސް، ސަލާމަތީ ބަނދަރަކަށް ދަތުރުކުރުމަށް ވަނީ ނިންމާފައެވެ.

 

މިއަދު އޮންލައިން