މައިބަދައަށް ކެމެރާ ލައްވައިގެން ކުރާ އޮޕަރޭޝަން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
މައިބަދައަށް ކެމެރާ ލައްވައިގެން ކުރާ އޮޕަރޭޝަން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮށްފި

މައިބަދައަށް ކެމެރާ ލައްވައިގެން ކުރާ އޮޕަރޭޝަން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮށްފި.

މި އޮޕަރޭޝަން ކޮށްފައިވަނީ ސަރުކާރުގެ މައި ހޮސްޕިޓަލް, އައިޖީއެމްއެޗްގެ ނިއުރޯ ސާޖަރީ ޑިޕާޓްމަންޓުންނެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރި މި އޮޕަރޭޝަން ކާމިޔާބުކަން އައިޖީއެމްއެޗްއިން މިއަދު ވަނީ ހާމަކޮށްފައެވެ.

މިއީ މައިބަދައިގެ ޑިސްކު ސްލިޕްވުން، ނުވަތަ ނާރު ފިތުން، ނުވަތަ އެކިކަހަލަ ބުރަކަށީގެ ތަދުތަކަށް ފަރުވާ ދިނުމަށް, ނުފަޅާ ކުރާ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަން ކުރުމަށް ޑޮކްޓަރުން ކުޑަ ހޮޅިއެއްގެ ތެރެއިން ކެމެރާއާއި އޮޕަރޭޝަނަށް ބޭނުންވާ އާލާތްތައް ވައްދާނީ މައިބަދައާއި ދިމާލުން ކުޑަ ލޯވަޅެއް ތޮރުފައިގެންނެވެ. އެއަށް ފަހު، ބުރަކައްޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރަނީއެވެ.

އާންމުކޮށް ފަޅައިގެން ކުރާ އޮޕަރޭޝަންތަކާ ހިލާފަށް މި ގޮތަށް ނުފަޅާ ކުރާ އޮޕަރޭޝަންތަކުގެ ފައިދާ ވަރަށް ބޮޑެވެ. އެއީ، ⁠އޮޕަރޭޝަނަށް ފަހު ވާ ތަދުކުޑަވުމާއި ⁠އަވަހަށް ރަނގަޅުވުމުގެ އިތުރުން ⁠ފާރުގަނޑުގެ ލަކުނު ކުޑަވުމެވެ. އަދި ފަޅައިގެން ކުރާ އޮޕަރޭޝަނަށް ވުރެ މި ގޮތަށް ކުރާ އޮޕަރޭޝަންތަކުން ހޮސްޕިޓަލުން ދޫކޮށްލާ މުއްދަތު ވެސް ކުޑަވެއެވެ.

މީގެ ކުރިން މިފަދަ އޮޕަރޭޝަންތައް ކުރުމަށް ދިވެހީން ދާން ޖެހެނީ ރާއްޖޭން ބޭރަށެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން