ބޯން މެރޯ ޓްރާންސްޕްލާންޓް ޙިދުމަތް ރާއްޖޭގައި ދެވޭނެ ގޮތާ ގުޅޭގޮތުން ޞިއްޙީ ވުޒާރާގެ އިސްވެރިންނާއި ތައިލެންޑުގެ ސަމިޓިވެޖް އިންޓަނޭޝަނަލް ޗިލްޑްރަންސް ހޮސްޕިޓަލުގެ ވަފުދާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ޞިއްޙީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، ދެފަރާތުން ގުޅިގެން ބޯން މެރޯ ޓްރާންސްޕްލާންޓް ޙިދުމަތުގެ އިތުރުން، އޮންކޮލޮޖީ، ކާޑިއޯލޮޖީ އަދި ތެލަސީމިއާ ދާއިރާއިން ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި ދެފަރާތުން ގުޅިގެން އިތުރަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.
ސަމިޓިވެޖް އިންޓަނޭޝަނަލް ޗިލްޑްރަންސް ހޮސްޕިޓަލަކީ 1979 ވަނަ އަހަރުން ފެށިގެން ތައިލެންޑުގައި ކުޑަކުދިންނަށް ޚާއްޞަކޮށްގެން ފުޅާ ދާއިރާއެއްގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދެމުންދާ ޕްރައިވެޓް ހޮސްޕިޓަލެކެވެ.
މި މަޝްވަރާ ބައްދަލުވުމަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އައު ކުރިއެރުންތަކެއް ގެނެސްދޭނެ ބައްދަލުވުމަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ. ޚާއްޞަކޮށް ބޯން މެރޯ ޓްރާންސްޕްލާންޓް ފަދަ ޒަމާނީ ފަރުވާގެ ޚިދުމަތްތައް ރާއްޖޭގައި ލިބެން ފެށުމުން، ބޭރު ޤައުމުތަކަށް ދަތުރުކޮށް މި ފަދަ ފަރުވާ ހޯދުމަށް ކުރަންޖެހޭ ބޮޑެތި ޚަރަދުތައް ކުޑަވެގެންދާނެއެވެ.