އެމްޓީސީސީގެ ޙިއްސާދާރުންގެ ފައިސާއަށް އިޙްމާލުވެފައިވާކަމަށް ފާހަގަކުރެވިފައިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އެ ކުންފުނިން ތަޙުޤީޤީ އިދާރާތަކަށް މައްސަލަ ހުށަހަޅައިފިއެވެ.
އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވޭތުވެދިޔަ އަހަރުތަކުގެ އޯޑިޓް ރިޕޯޓުތަކުން ކުންފުނީގެ ޙިއްސާދާރުންގެ ފައިސާއަށް އިޙްމާލުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިކަން ތަޙުޤީޤުކޮށް، އިޙްމާލުވި ފަރާތްތަކުން މި ފައިސާ ޙިއްސާދާރުންނަށް ހޯދައިދިނުމަށް ކަމާބެހޭ އިދާރާތަކުގައި އެދިފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
"އެމްޓީސީސީއަކީ ޙިއްސާދާރުންގެ ކުންފުންޏަކަށް ވެފައި، ވޭތުވެދިޔަ އަހަރުތަކުގެ އޯޑިޓް ރިޕޯޓުތަކުގައި މި ކުންފުނީގެ ޙިއްސާދާރުންގެ ފައިސާއަށް އިޙްމާލުވެފައިވާކަމަށް ފެންނާތީ، އެކަން ގަވާއިދުން ތަޙުޤީޤުކޮށްދެއްވާ އިޙްމާލުވި ފަރާތްތަކުން މި ފައިސާ ޙިއްސާދާރުންނަށް ހޯއްދަވައިދެއްވުމަށް ވާނީ އެދިފައި،" ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން، މި މައްސަލަ ތަޙުޤީޤުކޮށް ޝަރީޢަތުގެ ކުރިމައްޗަށް ގެންނަންޖެހޭ ފަރާތްތައް ގެނައުމަށް ކުންފުނީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.
އެމްޓީސީސީއަކީ ސަރުކާރުގެ ޙިއްސާ އޮންނަ، އަދި ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. މި ކުންފުނީގެ ޙިއްސާ ވިއްކަމުންދަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށެވެ.