މި އަހަރު ނިމުމުގެ ކުރިން މާލޭގައި އިތުރު 3000 ހައުސިން ޔުނިޓުގެ މަޝްރޫއެއް ފައްޓަވާނަން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
މި އަހަރު ނިމުމުގެ ކުރިން މާލޭގައި އިތުރު 3000 ހައުސިން ޔުނިޓުގެ މަޝްރޫއެއް ފައްޓަވާނަން: ރައީސް

މި އަހަރު ނިމުމުގެ ކުރިން މާލޭގައި އިތުރު 3000 ހައުސިން ޔުނިޓުގެ މަޝްރޫއެއް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފި އެވެ. މިކަން ރައީސް އިއުލާނު ކުރެއްވީ މިރޭ ޕީއެންސީގައި ބޭއްވުނު ހަރުގެ ޖަލްސާގައެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މިއީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ 4000 ހައުސިން ޔުނިޓުގެ މަޝްރޫއުގެ އިތުރުން ފެށޭ އައު މަޝްރޫއެކެވެ. އަދި މި މަޝްރޫއަށް ބޭނުންވާ ހުރިހާ ކަމެއް މިހާރު ނިމެމުންދާ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ވައުދުވީ ގޮތަށް ފުއްދުމުގެ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ހަމަޖައްސަމުން މިދަނީ... ދާދި އަވަހަށް މި އަހަރުގެ ތެރޭގައި މާލޭގައި އެންމެ މަދުވެގެން 3000 ހައުސިން ޔުނިޓުގެ މަޝްރޫއެއް މާލޭގައި މި އަހަރު ނިމުމުގެ ކުރީގައި އަޅުގަނޑު ފަށާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ތަރައްގީގެ އެންމެ ބޮޑު އެއް މާނައަކީ ބޯހިޔާވަހިކަމެވެ. އެހެންކަމުން މާލޭގެ ރައްޔިތުންނަށް އަދި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ވެސް ބޯހިޔާވަހިކަމުގެ ދާއިރާއިން ކަންކަން ކުރިއަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

އަދި މިފަދަ މަޝްރޫއުތައް އަންނަ އަހަރުވެސް ކުރިއަށް ގެންދާނެ ކަމަށް ރައީސް މުއިއްޒު ވަނީ އިތުބާރު ދެއްވާފައެވެ. މިއީ ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ދެއްވާ އިސްކަމުގެ ހެއްކެއް ކަމަށް ވެސް ފާހަގަކުރެވެ އެވެ.

މިއަދު އޮންލައިން