ޢިބްރަތްތެރި ވާހަކަ: ޒުވާންކުދިން ފެނުނީމާ ދަރިންނާ އަނބިމީހާ ނިކަމެތިކޮށްލާ މީހުންނަށް އަގުހުރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 41ސ
ޢިބްރަތްތެރި ވާހަކަ: ޒުވާންކުދިން ފެނުނީމާ ދަރިންނާ އަނބިމީހާ ނިކަމެތިކޮށްލާ މީހުންނަށް އަގުހުރި ފިލާވަޅެއް!

އަޅުގަނޑުގެ 3 ދަރިން އެބަތިއްބެވެ. ދޮށީ ދަރިފުޅުގެ ޢުމުރަކީ 8 އަހަރެވެ. 3 މައިން ރަށަށް ފޮނުވައިލިތާ އަހަރުވީއެވެ. ފޯނުންވެސް ނުގުޅޭތީ އަޅުގަނޑަށް ހެދި ގޮތެއް ނުއެނގެއެވެ. އެކަމަކު ޅަކުއްޖަކާއި ކައިވެނިކޮށްގެން އުޅޭކަން އެނގެއެވެ. ރަށަށް ފޮނުވާލިއިރު އަތަށް ދިން 2000 ރުފިޔާގެ އިތުރުން އެންމެ ރުފިޔާއެއްވެސް ނުދެއެވެ.  

މީގެ 2 ދުވަސްކުރިން ގުޅިއެވެ. ގުޅާފައި ވަރަށް ރޮއިފައި ބުނީ އެނނބުރި މާލެ އައުމަށެވެ. މާލެދާނެ ފައިސާވެސް ފޮނުވައިދީފާނެ ކަމަށެވެ. އަޅުގަނޑުގެ ސުވާލަކީ އޭނާގެ ގާތަށް ދިއުން ބުއްދިވެރިތޯއެވެ؟  

ކިޔުންތެރިޔާއަށް ބުނެލަން އޮތީ އޭނާގެ ގާތަށްދާށެވެ! އެއީ ކުރެވޭ ރަނގަޅު ކަމަކަށްވެސް ވެދާނެއެވެ. ތިރީގައިވާ ހަމަ ތިއަފަދަ ޙާދިސާއެއްގެ ވާހަކައިން ޢިބްރަތް ޙާޞިލުކުރާށެވެ!  

މިކިޔައިދެނީ މާކުރީ ޒަމާނުގެ ވާހަކައެއް ނޫނެވެ. މީގެ 3 އަހަރުކުރިން ޢީދު ތެރޭގައި ނިމިގެންދިއަ ކަމެއްގެ ވާހަކައެވެ. ކިޔުންތެރިން ރަނގަޅަށް އަޑުއައްސަވާށެވެ!  

އަޅުގަނޑު ކައިވެނިކުރީ އުމުރުން 23 އަހަރުގައެވެ. ކައިވެންޏަށް 15 އަހަރުވީއިރުވެސް އަޅުގަނޑު އެންމެބޮޑަށް ސަމާލުކަންދިނީ ފިރިމީހާގެ ކަންކަމަށެވެ. އޭނާގެ ހިތް އުފާކޮށްދިނުމަށެވެ. ހެޔޮލަފާ އަންތބަކުކަމުގައިވުމަށެވެ. ލިބިފައިވާ 5 ދަރިންގެ ކަންކަމަށްވުރެވެސް ބޮޑަށް އަޅުގަނޑު ސަމާލުކަންދިނީ ފިރިމީހާއަށް ޚިދުމަތްކުރުމަށެވެ. އެގޮތަށް އެކަންކުރީ ދަރިންގެ މުސްތަޤްބަލް އުޖާލާވެ އުފާވެރިވުންވެސް ބިނާވެގެންދާނީ ދެމަފިރިންގެ މެދުގައި އޮންނަ ގުޅުމުގެ މައްޗަށް ކަމުގައިވާތީއެވެ.  

ކޮންމެއަކަސް އެއަހަރުގެ ކުރީކޮޅު ފިރިމީހާއަށް ބަދަލުތަކެއް އަންނަން ފެށިއެވެ. އެވާގޮތަކަށް ވިސްނަމުންދަނިކޮށް ދެމަފރިންގެ ގުޅުން އެކުގައިހެން ކެނޑިއްޖެއެވެ. އަޅުގަނޑަށް އުޅެންޖެހުނީ ވަރަށް އެކަނިވެރި ދިރިއުޅުމެކެވެ.  

އެވަރަކުންވެސް ނުފުދުނެވެ. އަޅުގަނޑާއި 5 ކުދިން ރަށަށް ފޮނުވައިލީ ކޮވިޑުގެ ދުވަސްވަރު މާލޭގައި ތިބުމަށްވުރެ ރަށުގައި ތިބުން ރައްކައުތެރިކަންބޮޑުވާނެކަމުގެ އުޒުރުދައްކައިފައެވެ. ރަށަށް އައިތާ މަހެއްހައި ދުވަހުގެ ތެރޭގައި ވަރިކޮށްފިއެވެ. ދެން އިވުނީ ވަރަށް ޅަ، ވަރަށް ރީތިކުއްޖަކު ގެއަށް ގެންގޮސްގެން ގެންގުޅޭ ވާހަކައެވެ.  

އަޅުގަނޑަށް 5 ދަރިންގެ ޚަރަދުފޮނުވައެވެ. އެކަމަށްޓަކައި ޝުކުރުވެރިވެސް ވަމެވެ. ގުޅައި ސަލާންޖަހަން ނުޖައްސާ ފައިސާކޮޅު ފޮނުވައިދޭތީއެވެ.  

ކޮންމެއަކަސް ޢީދު ތެރެގައި އަޅުގަނޑަށް އޭނާ ގުޅިއެވެ. އެއީ ރަށަށް އައިފަހުން ލިބުނު 3 ވަނަ ކޯލެވެ. ހީކުރީ ދަރިންނަށް ޢީދުމުބާރިކް ކިޔާލަން ގުޅީ ކަމަށެވެ. ފޯނު ނެގުމުން ދައްކަންފެށީ މުޅިން ތަފާތު ވާހަކައެކެވެ.

"އަހަރެންނަށް ކުރެވުނު ކުށަށް މާފުކުރާށެވެ. އެނބުރި އަންނާށެވެ. ހުރިހާ ކަމެއް ވިސްނިއްޖެއެވެ. މާލެ އަންނައިރަށް އަލުން ކައިވެނިވެސް ކުރާނަމެވެ." މިފަދަ ވާހަކަތަކެކެވެ. ވީގޮތަކާއިމެދު ސުވާލެއްވެސް ނުކުރަމެވެ. ސަބަބަކީ ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެތީއެވެ. އަދި އެކަން ޤަބޫލުކޮށްފިނަމަ އިޞްލާޙްވެވޭނެތީއެވެ.  

އެއަޑުތައް އިވުމުން ޖެހިގެން އައި ދުވަހު އޮތް ފެރީ ލޯންޗުން 5 ދަރިން ގޮވައިގެން މާލެ އަތުވެއްޖައީމެވެ. ޙަޤީޤަތް އެނގުނުއިރު އޮތީ ހަތަރު އުދަރެސް ފެނުޖެހިފައެވެ.  

ފިރިމީހާއަކީ އަބަދުވެސް ގޭ ތިޖޫރީގައި ގިނަ އަދަދެއްގެ ފައިސާ ބަހައްޓައިގެން އުޅޭ މީހެކެވެ. ބޭންކަށްލާނީ ކިރިޔާ ފުދޭވަރަށެވެ. ތިޖޫރީގައި ހުރި ހުރިހާ ފައސާތަކެއް ވަނީ ވަގަށް ގެންގޮސްފައެވެ. އެއަށްވުރެ މާބޮޑުކަމެއް ވަނީ ކުރިމަތިވެފައެވެ. އެއީ އެއަންހެންކުއްޖާ ވަނީ ފިރިމީހާ އާއި އެހެން އަންހެންކުދިންނާ ޖާމިނުކުރުވައި ވީޑިއޯވެސް ކޮށްފައެވެ. ފުލުހަށް މައްސަލަ ހުށަހަޅައިފިނަމަ ވީޑިއޯތައް ލީކުކުރާނެ ކަމުގެ ބިރުވެސް ދައްކައިފައެވެ.  

މިކަންވީ ވަރަށް ބޮޑު ކަމަކަށެވެ. ފައިސާތައް ގެއްލުމަށްވުރެވެސް މާބޮޑު ކަމަކަށެވެ. އެއީ ދަރިންގެ ބައްޕަގެ އެފަދަ ފަޟީޙަތެއް ޢާންމުވެއްޖެނަމަ ދަރިން، އެކުދިންގެ މުޅި އުމުރުގައިވެސް އެކަމުގެ ލަދުގަންނަން ޖެހޭނެތީއެވެ. އަދި އެފަދަ އެއްޗެއް ހުރިނަމަ އަލުން ބްލެކްމާލްވެސް ކުރާނެތީއެވެ.  

މިބާވަތުގެ ކަންކަން ޙައްލުކުރެވޭވަރުގެ އަޅުގަނޑުގެ ބޭބެއިންގެދަރި ހިސާބު ދުރު ކޮއްކޮއެއް ހުރެއެވެ. ޙަޔާތުގައި ފުރަތަމަ ފަހަރަށް އޭނާ އާއި ވާހަކަދެއްކީމެވެ. އެހީތެރިކަމަށް އެދި އާދޭސްކުރީމެވެ. އޭނާގެ އެހީތެރިކަމާއިއެކު މިހާރުވަނީ ވީޑިއޯތައްވެސް ހޯދިފައެވެ.  

ބުނެލަން އޮތީ އަނބިމީހާއަށް ދަރިންގެ މަންމައަށް ބޭނުންގޮތެއް ހަދައިލެވިދާނެއެވެ. ބޭނުން އަނިޔާއެއް ދެވިދާނެއެވެ. އެއީ ބާރު އޮންނަނީ ފިރިންގެ އަތުގައިކަމަށްވާތީއެވެ. އަދި ފައިސާ އާއި ގެދޮރު ހުރިނަމަ ކިތަންމެ ބައިވަރު ޅަ، ރީތި ކުދިންތައްވެސް ހޯދިދާނެއެވެ. ނަމަވެސް ހަނދާންކުރާށެވެ. ދަރިންނާއި ދަރިންގެ މަންމަ ރޮއްވާފައި އުފަލުގައި ދިރިއުޅެވޭނެ ކަމަށް އުންމީދުވެސް ނުކުރާށެވެ. ކޮންމެވެސް ސިފައެއްގައި ހިތްދަތިކަން އައިސް އަރައިހަމަކުރާނެއެވެ. 

އަޅުގަނޑު މިވާހަކަތައް މިއަދުނޫހުގެ ކިޔުންތެރިންނާ ޙިއްބާ މިކުރީ ފިރިމީހާގެ ހުއްދަ އާއިއެކުގައެވެ. ފިރިމީހާއަށް ކުރެވުނު ފަދަ ކުށްތައް އެހެން ފިރިހަނަކު ނުކުރުމަކީ ފިރިމީހާގެ އެންމެ ބޮޑު އެދުމެވެ. އެހެންވެ އެކަންވެސް ޙިއްޞާކޮށްލީއެވެ.

 

- ޒައިނަބް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން