ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަނާގުޅޭ 161 މައްސަލައެއް އަންނަނީ ތަޙްޤީގުކުރަމުން: އޭސީސީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަނާގުޅޭ 161 މައްސަލައެއް އަންނަނީ ތަޙްޤީގުކުރަމުން: އޭސީސީ

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަނާ ގުޅުންހުރި 161 މައްސަލައެއް މިވަގުތު އަންނަނީ ތަޙްޤީގުކުރަމުންނެވެ.

ފެނަކައިގެ ޚާއްސަ އޮޑިޓް ރިޕޯޓާ ގުޅިގެން އޭސީސީން ނެރުނު ނޫސް ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މައްސަލަތަކުގެ ތެރެއިން 13 މައްސަލައެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާ ވަނީ ފަށާފައެވެ. އަދި 2022 ވަނަ އަހަރުން ފެށިގެން ފެނަކަ ކޯޕަރޭޝަނާ ގުޅުންހުރި 9 މައްސަލައެއްގައި އެކި ފަރާތްތަކުގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.

އޭސީސީން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މިހާތަނަށް ތަޙްޤީގުކޮށް ނިމިފައިވާ މައްސަލަތަކާ ގުޅިގެން 21،458،280.86 ރުފިޔާ (އެކާވީސް މިލިޔަން ހަތަރުސަތޭކަ ފަންސާސް އަށްހާސް ދުއިސައްތަ އަށްޑިހަ ރުފިޔާ އަށްޑިހަ ހަ ލާރި) އަނބުރާ ހޯދުމަށް ފެނަކަ ކޯޕަރޭޝަނަށް ވަނީ އަންގާފައެވެ.

މީގެއިތުރުން، ފެނަކައާ ގުޅުންހުރި އެކި މައްސަލަތަކުގައި ޖުމްލަ 96 ކަމެއް އިސްލާހުކުރުމަށް އޭސީސީން ވަނީ އަންގާފައެވެ. މީގެ ތެރޭގައި ހިމެނެނީ:

  • ކުންފުނި ހިންގުމާ ގުޅޭ 49 ކަންތައް
  • ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 26 ކަންތައް
  • ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ 10 ކަންތައް
  • ކުންފުނިން ބަލައި ތަޙްޤީގުކުރަންޖެހޭ 8 ކަންތައް

އޭސީސީން އިތުރަށް ފާހަގަކުރި ގޮތުގައި، މިހާތަނަށް ދަޢުވާކުރެވިފައިވާ ބައެއް މައްސަލަތަކުގައި ވަނީ ހުކުމްވެސް ކުރެވިފައެވެ. މި މައްސަލަތަކާ ގުޅޭ އިތުރު ތަފްސީލު އޭސީސީން ވަނީ ހާމަކޮށްފައެވެ.

މިއަދު އޮންލައިން