ޗައިނާގެ ފުރިހަމަ އެހީއާއެކު ކުރިއަށްދާ ބިޔަ ތިން މަޝްރޫޢުގެ މަސައްކަތް ދާދި އަވަހަށް ފެށޭނެ: ޗައިނާ ސަފީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ޗައިނާގެ ފުރިހަމަ އެހީއާއެކު ކުރިއަށްދާ ބިޔަ ތިން މަޝްރޫޢުގެ މަސައްކަތް ދާދި އަވަހަށް ފެށޭނެ: ޗައިނާ ސަފީރު

ޗައިނާގެ ފުރިހަމަ އެހީއާއެކު ކުރިއަށްދާ ބިޔަ ތިން މަޝްރޫޢުގެ މަސައްކަތް ދާދި އަވަހަށް ފެށޭނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާ ވިދާޅުވެއްޖެއެވެ.

ޗައިނާގެ 76 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސަފީރު ވިދާޅުވީ "ޗައިނާގެ ފުރިހަމަ އެހީއާއެކު ކުރިއަށްދާ ތިން ބިޔަ މަޝްރޫޢު ކަމުގައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް، މާލެ އާއި ވިލިމާލެ މަގު ހެދުމުގެ މަޝްރޫޢު އަދި 50 ކައުންސިލް އިމާރާތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް މިހާރު ވަނީ ވަރަށް ބޮޑަށް ކުރިއަށް ގެންދެވިފައި" ކަމަށެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢަކީ އަސްލު ސަރުކާރުގެ ބަޖެޓުން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މަޝްރޫޢެއް ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި، މި މަސައްކަތް ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ވަނީ އެއްބަސްވެވިފައެވެ. މިހާރު މި މަޝްރޫޢުގެ ފީސިބިލިޓީ ދިރާސާ ނިންމައި، މަސައްކަތް ފެށުމުގެ ތައްޔާރީތައް ދަނީ ކުރެވެމުންނެވެ.

ވިލިމާލޭގައި ތަރައްޤީކުރާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލަކީ 112 އެނދުގެ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލް ގާއިމުވުމުން ގްރޭޓަރ މާލެ ސަރަޙައްދުގެ ސިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބެލެވެއެވެ.

އަދި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްދާ 50 ކައުންސިލް އިމާރާތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ޗައިނާގެ ސާވޭ ޓީމެއް ރާއްޖެ އައިސް ކުރަންޖެހޭ ދިރާސާތައް ކުރާނެ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ހާމަކުރައްވާފައެވެ.

މިއަދު އޮންލައިން