ޚިޔާނާތުގެ ބޮޑެތި މައްސަލަތައް އަވަސްކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ޚިޔާނާތުގެ ބޮޑެތި މައްސަލަތައް އަވަސްކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަނީ

ޚިޔާނާތުގެ ބޮޑެތި މައްސަލަތައް އަވަސްކުރުމަށް ޚާއްސަ މަސައްކަތްތަކެއް ދަނީ ކުރަމުން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ހާމަކުރައްވައިފިއެވެ. މީގެ ތެރޭގައި އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތުގެ މައްސަލަތަކުގެ ތެރެއިން މައްސަލައެއްގެ ތަޙްޤީޤު ނިންމައި، ދަޢުވާ އުފުލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ފެނަކައިގެ ޚިޔާނާތުގެ މައްސަލަތަކަށް ޚާއްސަ ސަމާލުކަމެއް ދެމުންދާ ކަމަށް ޕީޖީ އޮފީހުން ފާހަގަކުރައްވައެވެ. މި މައްސަލަތަކުގެ ތަޙްޤީޤު އަވަސްކޮށްދިނުމަށް އެދި އޭސީސީގައި ދަންނަވާފައިވާ ކަމަށާއި، މި އަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހު ނެރެފައިވާ އަމުރާއެކު އިރުޝާދެއް ތައްޔާރުކޮށް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މައްސަލަތައް ނިންމުމަށް އަންގާފައިވެއެވެ.

އެމް.އެމް.ޕީ.އާރު.ސީގެ މައްސަލަތަކާ ގުޅޭގޮތުން، ވަކި ބައެއްގެ މައްޗަށް ދަޢުވާނުކުރުމަށް ނިންމާފައިވާ އެއްބަސްވުންތައް ބާޠިލްކޮށް، އެ މައްސަލަތަކުގެ ތަޙްޤީޤު އަވަސްކުރުމަށް 2025 ޖަނަވަރީ 19 ވަނަ ދުވަހު އޭސީސީގައި ދަންނަވާފައިވާ ކަމަށް ޕީޖީ އޮފީހުން ހާމަކުރެއްވިއެވެ. އަދި މި އެއްބަސްވުންތަކާ ގުޅޭ މައްސަލަތަކުގެ ތަޙްޤީޤު ކުރިއަށްގޮސްފައިވާ ހިސާބު 2025 އޮކްޓޫބަރު 8 ގެ ކުރިން ހުށަހެޅުމަށް އަންގާފައިވެއެވެ.

މި މައްސަލަތައް އަވަސްކުރުމަށްޓަކައި 24 ގަޑިއިރު އޭސީސީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ޕްރޮސިކިއުޝަން ޓީމްތަކެއް އެކުލަވާލާފައިވާ ކަމަށާއި، މައްސަލަތަކުން ނުޙައްޤު މަންފާ ލިބިފައިވާ އާންމުންގެ ބައި ބެލުމަށް ފުލުހުންނާއި އޭސީސީ ގުޅިގެން ފުޅާ ތަޙްޤީޤެއް ކުރިއަށް ގެންދިއުމަށް ދަންނަވާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ފާހަގަކުރެއްވިއެވެ. އަދި މި މައްސަލަތަކުގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދެނެގަނެ، އެ މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

މިއަދު އޮންލައިން