އިޚްލާޞްތެރިކަމާއިއެކު ލޯބިވެ ބައިވެރިޔާއަށް ވަފާތެރިކަމާއިއެކު އުޅޭ މީހަކު މިހާރު އެބަހުރިތޯވެސް ބައެއް މީހުން ސުވާލުކުރެއެވެ. އެސުވާލު އެގޮތަށް އެކުރަނީ އެފަދަ މީހުން މަދުވަމުން އަންނާތީއެވެ. އެހެންވީމާ އެފަދަ ސުވާލުތައް ހިތުގައި އުފެދެނީއެވެ.
ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ނެތެމުން މިދަނީ ހަމައެކަނި ތެދުވެރި ލޯބިވެރިން އެކަނި ނޫންކަމެވެ. ތެދުވެރިކަމާއި ތެދުވެރިން ކަމެވެ. އެހެނަސް ތެދުވެރިންނާއި، ތެދުވެރި، ވަފާތެރި ލޯބިވެރިން އަދިވެސް އެބައުޅެއެވެ. ޢަދަދު މަދީއެވެ. ބއިވެރިއަކު އިޚްތިޔާރުކުރާއިރު އިތުރަށް ސަމާލުވާން މިޖެހެނީ އެހެންވެގެންނެވެ.
ތިރީގައިވާ ވާހަކަ ކިޔައިލާށެވެ! އެފަދަ ތެދުވެރި ލޯބިވެރިންވެސް އެބައުޅެއެވެ.
ދެކުދިންވެސް އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވެއެވެ. ފޯނުން ވާހަކަދައްކަން ކޮންމެ ދުވަހަކު އެތައް ގަޑިއިރެއް ހޭދަކުރެއެވެ. މިގޮތަށް އުޅޭތާ އެތައް ދުވަހެއް ފަހުން ކުއްލިއަކަށް ފިރިހެން ކުއްޖާ ބުނީ ދެން އިތުރަށް އޭނާ އާއި ނުގުޅުމަށެވެ. ސަބަބާއިމެދު ސުވާލުކުރަން ފުރުޞަތުވެސް ނުދީ ފޯނުކަނޑައިލީއެވެ.
ފޯނު ކަނޑާލުމުން އަންހެން ކުއްޖާ އޭނާގެ ފޯނަށް ގުޅައިގުޅައިވެސް ފޯނު ނުނެގުމުން އަންހެންކުއްޖާ ރޮއިރޮއި ހަލާކުވާވަރުވިއެވެ. ހީކުރެވުނީ ބޭވަފާތެރިވެ ލަނޑުދިނީ ކަމަށެވެ.
އަނެއްދުވަހު އަންހެންކުއްޖާގެ ފޯނަށް ގުޅުމުން ނެގީ އަންހެން ކުއްޖާގެ ދައްތައެވެ. ނަގާފައި ބުނީ ކޮއްކޮގެ ޙާލު ވަރަށް ސީރިއަސް ކަމަށާއި އޮތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ކަމަށެވެ.
ފިރިހެން ކުއްޖާ ވަގުތުން ހޮސްޕިޓަލަށް ގޮސް އަންހެން ކުއްޖާ އާއި ބައްދަލުކުރިއެވެ. އަދި ކުރީ ދުވަހު ބުނެވުނު ބަހަށް މާފަށްވެސް އެދުނެވެ. އަދި ސަބަބުވެސް ކިޔައިދިނެވެ. އެއީ އެހައިތަނަށް ފޮރުވާފައި އޮތް ބޮޑު ސިއްރެކެވެ. އޭނާއަކީ ހިތުގެ ބަލި ހުންނަ ކުއްޖެއް ކަމާއި އެހެން ބުނެވުނީ ޤަޞްދުގައި ނޫންކަމަށެވެ. ބޭސްކައިގެން ނިދާފައި ހޭލެވުނީ މިއަދު ކަމެވެ. އަދި ހޭލެވުމާއިއެކު ގުޅިކަންވެސް ކިޔައިދިނެވެ.
އެކަކު އަނެކަކަށްވާ ލޯބި އިތުރުވެގެންދިއައެވެ. ލޯބިން އޮޅުލައިވެސް ގަނެވުނެވެ. ނަމަވެސް އެވަގުތުވެގެންދިއައީ އަންހެންކުއްޖާގެ ފުރާނަ ހަށިގަނޑާއި ވަކިވެގެންދިއަ ވަގުތަށެވެ. ކައިރީގައި ތިބި މީހުން ދެހަށިގަނޑު ދުރުކޮށްލުވުމާއިއެކު ފިރިހެން ކުއްޖާއަށްވެސް ޖެހުނީ ހަމަ އެޙާލެވެ. ހިތްހުއްޓި ހަށިގަނޑާއި ފުރާނަވަކިވެގެންދިއައީއެވެ.
އަންހެންކުއްޖާގެ މަންމައަށް އެވަގުތު ބުނެލެވުނެވެ. "އަހަރެންގެ ދަރިފުޅު ފޯނުން ވަރަށް ގިނައިން ބުނާއަޑު އިވެއެވެ. ދެމީހުން މަރުވާނީވެސް އެކުގައިދޯއެވެ. ސުވަރުގޭގައިވެސް އުޅޭނީ އެކުގައިދޯއެވެ! ފެނިގެން މިދިއައީ ދެކުދިން އެކުގަ ދުނިޔެއިން ވަކިވިތަނެވެ. ދޢާއަކީ ސުވަރުގޭގައިވެސް އެކުގައި ލެއްވެވުމެވެ."
ޤިޔާމަތްދުވަހު ކަންކަން މެދުވެރިކުރައްވަވާނެ ގޮތް މިއަދަކު ނުއެނގޭނެއެވެ. މިއަދު މިއެނގުނު ކަމަކީ ދެލޯބިވެރިން ބޭނުންވެގެން ތިބި ގޮތަށް އެކުގައި ދުނިޔެއާއި ވަކިވެވުނު ކަމެވެ. ތެދުވެރި ލޯބީގައި ހުރި ގަދަފަދަ ބާރުގެ ވަރުގަދަކަމެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް