އިދިކޮޅުގެ މުޒާހަރާ‍ - މިއީ ވެރިކަމުގެ ބޭނުމުގައި ބަޔަކު ކުރާ މުޒާހަރާއެއް, ޤައުމުގެ ލާބައަށް ކުރާ ކަމެއް ނޫން: ޤާސިމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
އިދިކޮޅުގެ މުޒާހަރާ‍ - މިއީ ވެރިކަމުގެ ބޭނުމުގައި ބަޔަކު ކުރާ މުޒާހަރާއެއް, ޤައުމުގެ ލާބައަށް ކުރާ ކަމެއް ނޫން: ޤާސިމް

އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވުމަށް ރާވާފައިވާ މުޒާހަރާއަކީ ވެރިކަމުގެ ބޭނުމުގައި ބަޔަކު ކުރާ މުޒާހަރާއެއް ކަމަށާއި، އެއީ ޤައުމުގެ ލާބައަށް ކުރާ ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޤާސިމް ވިދާޅުވެފައިވަނީ، މިއީ ޤައުމު މިހާރު ރަނގަޅު މިސްރާބަކަށް ދާތީ، އެކަން އެގޮތަށް ވިޔަނުދިނުމަށް ބާއްވާ އެއްވުމެއް ކަމަށެވެ. އަދި މި މުޒާހަރާގައި ބައިވެރިނުވުމަށް ރައްޔިތުންނަށް ގޮވާލައްވާފައިވެއެވެ.

"މިހާރު ސަރުކާރަށް ކުރަން ޖެހިފައިވާ މަސައްކަތްތަކަކީ، މީގެ ތިން ހަތަރު ސަރުކާރުން ނަގާފައިވާ ބޮޑެތި ދަރަނިތަކުން ރާއްޖެ ސަލާމަތްކުރުމުގެ މަސައްކަތް،" ޤާސިމް ވިދާޅުވިއެވެ. އަދި މި ހާލަތުގައިވެސް، ރައްޔިތުންނަށް އޭގެ ލޮޅުމެއް ނާންނާނެ ގޮތަށް އަދި ޤައުމު ބަނގުރޫޓުވިޔަ ނުދީ އެކަން ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

ޤާސިމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ހަތަރު ސަރުކާރުގައިވެސް، ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ބޮޑެތި ޚިޔާނާތްތައް ވެފައިވާކަން ފެންނަން އެބައޮތް ނަމަވެސް، އެ ސަރުކާރުތަކުން އެކަމަށް އެޅި ފިޔަވަޅެއްވެސް ނެތެވެ. އެހެންނަމަވެސް މިހާރުގެ ސަރުކާރުން އެފަދަ މީހުން ވަކިކޮށް، އެ މައްސަލަތައް ތަޙުޤީޤުކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

މުޒާހަރާގެ ނަތީޖާއަކަށްވާނީ "ޤައުމު އިތުރު ވަޅުގަނޑަކަށް ވައްޓާލައި، ރައްޔިތުން ދަރަނިވެރިކޮށް، އިނދަޖައްސާލުން" ކަމަށް ޤާސިމް ވިދާޅުވެ، ޤައުމުގެ އަމަން އަމާންކަން ގެއްލޭ އެއްވެސް ކަމެއް ނުކުރުމަށް ރައްޔިތުންނަށް ގޮވާލައްވާފައިވެއެވެ.

މިއަދު އޮންލައިން