މިސަރުކާރު ވެރިކަމާ ހަވާލުވިއިރު، އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގައި އެކަނިވެސް 50 މިލިޔަން ރުފިޔާ ނުދައްކާ އޮތް: ޑރ.ޝަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
މިސަރުކާރު ވެރިކަމާ ހަވާލުވިއިރު، އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގައި އެކަނިވެސް 50 މިލިޔަން ރުފިޔާ ނުދައްކާ އޮތް: ޑރ.ޝަހީމް

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ މިސަރުކާރު ވެރިކަމާ ހަވާލުވިއިރު، އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގައި އެކަނިވެސް 50 މިލިޔަން ރުފިޔާ ނުދައްކާ އޮތް ކަމަށެވެ.

ވަޒީރު ޑރ. ޝަހީމް އިތުރަށް ހާމަކުރެއްވި ގޮތުގައި ސަރުކާރު ފެށުނުއިރު އިސްލާމީ ވުޒާރާގައި އެކަނިވެސް 30 މިލިޔަން ރުފިޔާ ކުންފުނިތަކަށް ނުދައްކާ އޮތެވެ. އަދި މަސައްކަތްކޮށް ވުޒާރާއަށް ބިލުތައް ނައިސް ހުރި އަދަދާއެކު ޖުމުލަ 50 މިލިޔަން ރުފިޔާއަށް މި އަދަދު އަރާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް، މި ފައިސާއާ ގުޅޭގޮތުން އުފާވެރި ޚަބަރެއް ވަޒީރު ދެއްވިއެވެ. އެގޮތުން، މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ މި ހުރިހާ ފައިސާއެއް ދައްކާ ނިންމާފައެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ދައުލަތުގެ ދަރަނީގެ ހާލަތު ހުރި ގޮތް ދައްކުވައިދޭ މި މަޢުލޫމާތު ހާމަކުރެއްވުމާއެކު، ފާހަގަކޮށްލެވެނީ ސަރުކާރުން ކުރިން ހާމަކުރެއްވި ގޮތުގައި އެކި މަސައްކަތްތައްކޮށް، ދިވެހި ކުންފުނިތަކަށް ނުދައްކާ އޮތް ފައިސާގެ ޖުމްލަ އަދަދު 9 ބިލިޔަން ރުފިޔާއަށް އަރާ ކަމެވެ.

މި މަޢުލޫމާތުތަކުން ދައްކުވައިދެނީ ވޭތުވެދިޔަ ސަރުކާރުގެ ދައުރުގައި ދައުލަތުގެ މާލީ ހާލަތު ހުރި ގޮތާއި، އަދި އެ ދަތިތައް ހައްލުކުރުމަށް މިހާރުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކެވެ.

މިއަދު އޮންލައިން