އައްޑޫ ސިޓީގެ ހަންކެޑަ ތަރައްޤީކުރުމަށް އާ މަސައްކަތްތަކެއް، ދޮންހެރަ "ހަލާލް ޓޫރިޒަމް" އަށް ބީލަމަށް ހުޅުވާލަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 1ސ
އައްޑޫ ސިޓީގެ ހަންކެޑަ ތަރައްޤީކުރުމަށް އާ މަސައްކަތްތަކެއް، ދޮންހެރަ "ހަލާލް ޓޫރިޒަމް" އަށް ބީލަމަށް ހުޅުވާލަނީ

އައްޑޫ ސިޓީގެ ހަންކެޑަ ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްއިން އާ ސިޔާސަތެއް ތަންފީޒުކުރަން ނިންމައިފިއެވެ. މިގޮތުން، މިރަށް ތަރައްޤީކުރުމަށް ކުރިން ވެފައިވާ އެއްބަސްވުންތައް ބާޠިލުކޮށް، އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ބީލަމުގެ އުސޫލުން ތަރައްޤީކުރުމަށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، ހަންކެޑަގެ ބަދަލުގައި، އައްޑޫ އަތޮޅުގެ ދޮންހެރަ "ހަލާލް ޓޫރިޒަމް" ތަރައްޤީކުރުމަށް މިވުޒާރާއިން މިއަދު ވަނީ ބީލަމަށް ހުޅުވާލާފައެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާ ދެމެދު އައްޑޫ ސިޓީގެ ހަންކެޑަ ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުން، 28 ސެޕްޓެންބަރު 2025 ގައި ބާޠިލުކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 25/2025 (1 އޮކްޓޫބަރު 2025) އިން، އައްޑޫ ސިޓީގެ ހަންކެޑައަކީ ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައެޅި ޤަރާރު ވެސް އުވާލެވޭނެއެވެ. އަދި މިރަށް "ހަލާލް ޓޫރިޒަމް" ތަރައްޤީކުރުމަށް ހުޅުވާލެވުނު ރަށްތަކުގެ ލިސްޓުން ވެސް ވަނީ އުނިކޮށްފައެވެ.

މި ބަދަލުތަކާއެކު، އައްޑޫ ސިޓީގެ ހަންކެޑަ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ތަރައްޤީކުރުމަށް ބަލަންޖެހޭ އެންމެހައި ކަންކަން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްއިން މިދަނީ ބަލަމުންނެވެ. އަދި ބީލަމުގެ އުސޫލުން ފަތުރުވެރިކަން ތަރައްޤީކުރުމަށް ހުޅުވާލުމުގެ އެންމެހައި މަސައްކަތްތައް ވެސް މިނިސްޓްރީއިން ދަނީ ކުރަމުންނެވެ. މިނިސްޓްރީގެ އަމާޒަކީ މި ރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިހާރު ހިނގަމުންދާ އަހަރުގެ ތެރޭގައި ފެށި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މިދައުރުގައި މިރަށް އޮޕަރޭޝަންސްއަށް ގެނައުމެވެ.

ހަންކެޑަގެ ސިޔާސަތަށް މި ބަދަލުތައް އައުމާއެކު، "ހަލާލް ޓޫރިޒަމް" ތަރައްޤީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް، އައްޑޫ ސިޓީގެ ދޮންހެރަ (LD1453 ގައިވާ ރަށާއެކު) މިވުޒާރާގެ ފަރާތުން މިއަދު ވަނީ ބީލަމަށް ހުޅުވާލާފައެވެ. މިކަމުގެ ސަބަބުން، ދެކުނުގެ ޓޫރިޒަމް ދާއިރާ އިތުރަށް ތަރައްޤީވެ، ގިނަ ފުރުޞަތުތަކެއް ހުޅުވޭނެ ކަމަށް ބެލެވެއެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން