އެޗްޑީސީގެ ބިމާއި، މުދަލާއި، ޚިދުމަތް ބޭނުންކުރުމުގައި އިހުމާލުވެފައިވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅުއެޅުމަށް ހުށަހަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
އެޗްޑީސީގެ ބިމާއި، މުދަލާއި، ޚިދުމަތް ބޭނުންކުރުމުގައި އިހުމާލުވެފައިވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅުއެޅުމަށް ހުށަހަޅައިފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބިމާއި، މުދަލާއި، ޚިދުމަތް ބޭނުންކުރުމުގައި އިހުމާލުވެފައިވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅައިފިއެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، 2019 ވަނަ އަހަރުން ފެށިގެން އެ ކޯޕަރޭޝަންގެ މިލްކިއްޔާތުގައިވާ ބިމާއި، މުދަލާއި، ޚިދުމަތުން 200 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ ޚިޔާނާތްތެރިވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މި މައްސަލަތައް ތަޙުޤީޤު ކުރުމަށް ވަނީ ތަޙުޤީޤީ އިދާރާތަކަށް ހުށަހަޅާފައެވެ.

މި ޚިޔާނާތުގެ ތެރޭގައި ހިމެނެނީ އެ ކޯޕަރޭޝަންގެ މުދަލުން ވައްކަންކުރުމާއި، ކޯޕަރޭޝަންގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރުމާއި، ކޯޕަރޭޝަނަށް ގެއްލުންވާ ގޮތަށް ކޯޕަރޭޝަނުގެ ބިންތައް ކުއްޔަށް ދިނުމަށް ހިންގާފައިވާ މުޢާމަލާތްތަކެވެ. މީގެއިތުރުން، ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އިޖުރާއަތުތަކާއި އުސޫލުތަކުގެ ބޭރުން ބިން ވިއްކާފައި ހުރިކަންވެސް ވަނީ ފާހަގަކުރެވިފައެވެ.

އެޗްޑީސީން އިތުރަށް ބުނެފައިވަނީ މި މައްސަލަތައް ތަޙުޤީޤުކޮށް ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، އެ ކޯޕަރޭޝަނުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި މިފަދا ޢަމަލުތައް ހުއްޓުވުމަށް އިތުރު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ތަޙުޤީޤީ އިދާރާތަކުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް މިފަދަ ބޮޑެތި ޚިޔާނާތުގެ މައްސަލަތައް ބެލުމަކީ ސަރުކާރުގެ އިސް އަމާޒެއްކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން