ފަތުރުވެރިކަމުގެ ސިނާޢަތަކީ، ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ނަގާ، ދިވެހީންގެ ދިރިއުޅުމަށް ހެޔޮ އެތައް ބަދަލުތަކެއް ގެނެސްދިން މަސައްކަތެއް ކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެފައިވަނީ، ފަތުރުވެރިކަމުގެ ސިނާޢަތުން ރާއްޖޭގެ އިޤްތިޞާދަށް ލިބިފައިވާ ކުރިއެރުމާއި، ދިވެހިންގެ ދިރިއުޅުމަށް އައިސްފައިވާ ހެޔޮ ބަދަލުތަކުގެ މައްޗަށެވެ.
މި ސިނާޢަތުގެ ކުރިއެރުން ދެމެހެއްޓުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދިވެހިން މި ސިނާޢަތުގައި ހޯދާފައިވާ ކުރިއެރުން ދެމެހެއްޓުމަށް މަސައްކަތް ކުރަމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމަކީ ދެމެހެއްޓެނިވި އަދި ކޮންމެ ފަތުރުވެރިއެއްގެ ބޭނުންތަކަށް ޚިދުމަތް ދެވޭ ފެންވަރުގެ ފަތުރުވެރިކަމެއްގެ ގޮތުގައި ދެމެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދެއެވެ.
ޤައުމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ވަޒީރު ވަނީ، މި ސިނާޢަތް ކުރިއެރުވުމުގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ ބައިވެރިންނާއި ޕްރޮފެޝަނަލުންނާއި ރައްޔިތުން ކުރައްވަމުންދާ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ދުވަސް ފާހަގަކުރަނީ، އެ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.