އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގްގެ ޗެމްޕިއަންކަން އެސް.ޑީ.އެމް.ޒީއެން.ޖީ އިން ހޯދައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގްގެ ޗެމްޕިއަންކަން އެސް.ޑީ.އެމް.ޒީއެން.ޖީ އިން ހޯދައިފި

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ފުރަތަމަ އީސްޕޯޓްސް މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގް 2025 ގެ ޗެމްޕިއަންކަން ށ. ކޮމަންޑޫ އެސް.ޑީ.އެމް.ޒީއެން.ޖީ އިން ހޯދައިފިއެވެ.

މުޅިން އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ކުޅެފައިވަނީ ޕަބްޖީ މޮބައިލް ގޭމެވެ. 16 އަތޮޅެއްގެ 35 ރަށުން 49 ޓީމް ބައިވެރިވި މި މުބާރާތުގައި 294 ކުޅުންތެރިން ވާދަކޮށްފައިވެއެވެ. މުބާރާތުގެ ފައިނަލް މަރުހަލާގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވުނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހު އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓަރސްގައެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމް ކަމުގައިވާ ކޮމަންޑޫ އެސް.ޑީ.އެމް.ޒީއެން.ޖީ އަށް 25,000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބުނެވެ. ރަނަރަޕް ޓީމް ކަމުގައިވާ ފުވައްމުލައް ސިޓީ އޭކޭޒެޑަށް 12,000 ރުފިޔާ އަދި ތިންވަނައަށް ދިޔަ ލ. ފޮނަދޫ ޑީއެމްޒެޑަށް 6,000 ރުފިޔާ ލިބުނެވެ. ހަތަރުވަނައަށް ދިޔަ ޓީމް ބީ ކުޑަރިކިލަށް 3,000 ރުފިޔާގެ އިނާމެއް ލިބުނެވެ. މީގެއިތުރުން، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފުވައްމުލަކު ސިޓީ އޭކޭޒެޑްގެ މާނަށް 4,000 ރުފިޔާގެ އިނާމެއް ލިބުނެވެ.

މުބާރާތާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒް ވިދާޅުވީ، "އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގަކީ ދިވެހި ގޭމިން ކޮމިއުނިޓީއަށް ބާރުވެރިކަން ހޯދައިދިނުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގައި ވަރަށް މުހިންމު ލަނޑުދަނޑިއެއް" ކަމަށެވެ. އަދި މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވުނު ފުރަތަމަ އޮންލައިން މުބާރާތުގައި 16 އަތޮޅެއްގެ ކުޅުންތެރިން އެމީހުން ތިބި ތަނަކުން ކުޅެ، އަމިއްލަ ރަށް ތަމްސީލު ކުރުމުގެ ފުރުސަތު ލިބިގެންދިޔަ މުބާރާތެއް ކަމަށް ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން