އުންމީދަކީ ރާއްޖޭގެ ގޭމާސްއަށް ބައިނަލްއަގްވާމީ މުބާރާތަކުން ފުރުސަތު ލިބުން: ހުސެއިން ނިޔާޒް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
އުންމީދަކީ ރާއްޖޭގެ ގޭމާސްއަށް ބައިނަލްއަގްވާމީ މުބާރާތަކުން ފުރުސަތު ލިބުން: ހުސެއިން ނިޔާޒް

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ ހުސެއިން ނިޔާޒް ވިދާޅުވެފައިވަނީ އުރީދޫ ނޭޝަން ޕްލެޓްފޯމް މެދުވެރިކޮށް ރާއްޖޭގެ ގޭމާސްއަށް އިތުރު ފުރުސަތުތައް ލިބި، ބައިނަލްއަގްވާމީ މުބާރާތްތަކުން ފުރުސަތު ހޯދުމަކީ އެ ކުންފުނީގެ އުންމީދު ކަމުގައެވެ.

އުރީދޫ ނޭޝަން އެޓޯލް އީ ސްޕޯޓްސް ލީގު 2025 ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނިޔާޒް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ޕްލެޓްފޯމުތަކަށް އަހުލުވެރި ގިނަ ބަޔަކު ތިބި ކަމަށާއި، އުރީދޫ ނޭޝަންގެ ސަބަބުން މި ފަރާތްތަކަށް ބައިނަލްއަގްވާމީ ޕްލެޓްފޯމުތަކަށް ނުކުތުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ނިޔާޒް ހާމަކުރެއްވި ގޮތުގައި، ކުރިއަށް އޮތް ތަނުގައިވެސް ގިނަ މުބާރާތްތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. މިގޮތުން މިއަހަރު މާލޭގައި ޔޫތް އީ ސްޕޯޓްސް އިވެންޓެއް ބޭއްވުމަށް ޔޫތު މިނިސްޓްރީއާއެކު މަޝްވަރާކުރެވެމުންދާ ކަމަށާއި، އަދި އަންނަ އަހަރު މުޅި ރާއްޖެ އަމާޒުކޮށްގެން އީ ސްޕޯޓްސްގެ ބޮޑު އިވެންޓެއް ބޭއްވުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވަނީ އިޢުލާންކުރައްވާފައެވެ.

"އުރީދޫ ނޭޝަންގެ އެކި މުބާރާތްތައް ނިމިގެންދާއިރު މޮޅެތި ކުޅުންތެރިން ފެނިގެންދާނެ. މި ކުޅުންތެރިންނަށް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރުމަށް އުރީދޫ ނޭޝަންގެ ސަބަބުން ބޮޑު ހިތްވަރެއް ލިބިގެންދާނެ،" ނިޔާޒް ވިދާޅުވިއެވެ.

އުރީދޫ ނޭޝަންގެ މުބާރާތްތަކަކީ ރާއްޖޭގެ އީ ސްޕޯޓްސް ދާއިރާ ކުރިއެރުވުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މި މުބާރާތްތަކުގެ ސަބަބުން ރާއްޖޭގެ ޒުވާން ގޭމަރުންނަށް އެމީހުންގެ ހުނަރު ދައްކާލުމާއި، ބައިނަލްއަގްވާމީ ފެންވަރުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިއަދު އޮންލައިން