ޑިއުޓީގައި ތިބޭ ފުލުހުންގެ އަތުން ތަކެތި އަތުލުމަކީ ސުލްހަވެރި ސިޔާސީ އަމަލެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ކުރިއަށްގެންދާ މުޒާހަރާއާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު އިޙްސާން ވިދާޅުވެފައިވަނީ، ފުލުހުންގެ އޮފިސަރަކު ޑިއުޓީގައި ހުއްޓާ، އޭނާގެ އަތުން ތަކެތި އަތުލުމަކީ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ޒިންމާތަކަށް ހުރަސް އެޅުން ކަމަށެވެ.
މި މުޒާހަރާގައި ބައިވެރިވާ ފަރާތްތަކުން ގެންދަނީ ފުލުހުން ބަންދުކޮށްފައިވާ ސަރަޙައްދުތަކަށް ގަދަކަމުން ވަންނަން މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން، މުޒާހަރާގައި ބައިވެރިވާ ފަރާތްތަކުން ވަނީ ފުލުހުން ގެންގުޅޭ ޝީލްޑްތަކުގައި ތަޅާ، ހަމަނުޖެހުން ހިންގާފައިވާ ކަމަށް ވެސް ފާހަގަކުރެވެއެވެ.
ފުލުހުންނަކީ ޤާނޫނު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކަށް ވެފައި، އެ ފަރާތްތަކުގެ މަސައްކަތަށް ހުރަސްއެޅުމަކީ ޤާނޫނީ ގޮތުން ކުށެއް ކަމަށްވާއިރު، މިފަދަ އަމަލުތައް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވަޒީރު އިޙްސާން ވަނީ އިންޒާރު ދެއްވާފައެވެ.