އެމްޑީޕީން މިރޭ ކުރި މުޒާހަރާ ނިންމާލައިފިއެވެ. މުޒާހަރާގެ ތެރެއިން ވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމާ ތަކެއްޗަށް ގެއްލުން ދިނުމުގެ ގިނަ މައްސަލަތަކެއް ހިނގައިފައެވެ. އެއިގެ ތެރޭގައި ފުލުހުންގެ ޝީލްޑްއަތުލައިގަނެގެން ގެންދިއުމާއި ބެރިކޭޑްތައް ނަގައިގެން ގެންދިއުން ފަދަ މައްސަލަތައްވެސް ހިމެނެއެވެ.
މުޒާހަރާ ކުރިއަށްގެންދަން އެއްބަސްވެފައި އޮތީ އަމީނީ މަގުން ނަމަވެސް މުޒާހަރާގެ ބައިވެރިންވަނީ އެއްބަސްވުމާއި ޚިލާފްވެ ލައިންތައް ފޫއަޅުވާލާފައި މަޖީދީމަގުން ކުރިއަށް ދިއުމަށް މަސައްކަތްކޮށްފައެވެ.
އެމްޑީޕީން މަސައްކަތްކޮށްފައިވަނީ މިހާރުގެ ސަރުކާރާއި ދެކޮޅު އެތައްހާސް ބައަކު މިހާރުވެސް އެބަތިބިކަމާއި އެމީހުން ތިބީ މަގުމައްޗަށް ނުކުމެ ސަރުކާރު ވައްޓާލަން ތައްޔާރަށްކަން ދުނިޔެއަށް ދައްކައި ދިނުމަށެވެ. ނަމަވެސް އެކަން މިވަނީ ބޮޑުތަކުން ފޭލްވެފައެވެ. އެމްޑީޕީއަށް ރައްޔިތުންގެ ތާއީދު ބޮޑުކޮށް އޮތްއިރު ބާއްވާ މުޒާހަރާތަކުގައި ބައިވެރިވާ މީހުންގެ ޢަދަދާއި މިރޭ ބައިވެރިވި މީހުންގެ ޢަދަދު ދުނިޔެއަށް ވަރަށް ސާފުކޮށް އެނގޭނެތީއެވެ.
ރައްޔިތުންގެ ތާއީދު މިރޭގެ މުޒާހަރާއަށް ނުލިބުނު އެންމެ ބޮޑު އެއް ސަބަބަކީ އެމްޑީޕީން ދައްކާ ވާހަކައިގައި ބުރަދަނެއް ނެތުމެވެ. ޙައްޤުތަކެއް ގެއްލިފައިވާކަމަށްބުނާއިރު އެއީ ކޮން ޙައްޤުތަކެއްކަން ބުނެނުދެވުމެވެ. މިސަރުކާރުން ރައްޔިތުންނަށްޓަކައި އެއްވެސް މަޝްރޫޢެއް ނުހިންގާކަމަށްބުނާއިރު ހިންގަމުން ގެންދާ މަޝްރޫޢުތަކާ އަލަށް ފަށަމުންގެންދާ މަޝްރޫޢުތައް ރައްޔިތުންގެ ލޮލަށް ފެންނަ ކަމެވެ.