ގއ. ވިލިނގިލީގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ގއ. ވިލިނގިލީގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ އެންމެހައި އަތޮޅުތަކަށް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، މިއަދު ގއ. ވިލިނގިލީގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

ވިލިނގިލީގައި މި ޚިދުމަތް ފެށުމަށް ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ގއ. އަތޮޅު ކައުންސިލްގެ ރައީސް އިބްރާހީމް ޝާހީންއެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް އިމިގްރޭޝަންގެ އިސް ބޭފުޅުންނާއި، ގއ. އަތޮޅު ކައުންސިލް އަދި ވިލިނގިލީ ކައުންސިލްގެ މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ސަރުކާރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން، ޕާސްޕޯޓުގެ ޚިދުމަތް ވިލިނގިލީގައި ފެށުމަކީ އެ ސަރަޙައްދުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެކެވެ.

މި ޚިދުމަތް ފެށުމާއެކު، ގއ. އަތޮޅުގެ ރައްޔިތުންނަށް މާލެ ދަތުރުކުރުމަކާ ނުލައި އެ ރަށުން ޕާސްޕޯޓު ހެއްދުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. މީގެ ކުރިން މި ޚިދުމަތް ހޯދުމަށް މާލެ އަންނަން ޖެހުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވަމުން އައި ގިނަގުނަ ދަތިތަކަށް ޙައްލު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

 

މިއަދު އޮންލައިން