ފަޤީރުންގެ ދަފްތަރުގައި މިވަގުތު ފަރުޟު ޙައްޖު އަދާނުކޮށް ތިބި 376 މީހުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދައުރު ނިމުމުގެ ކުރިން ޙައްޖަށް ފޮނުވައި ނިންމާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ސަރުކާރުގެ ޚަރަދުގައި ފަޤީރުން ޙައްޖަށް ފޮނުވުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދެއް ކަމަށްވާއިރު، މި ވަޢުދުގެ ދަށުން މިހާތަނަށް 100 ފަޤީރުންނަށް ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ވަނީ ދެވިފައެވެ. އެގޮތުން މިދިޔަ އަހަރާއި މި އަހަރު ކޮންމެ އަހަރަކު 50 ފަޤީރުން ޙައްޖަށް ފޮނުވާފައިވެއެވެ.
"ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރުޟު ޙައްޖު އަދާނުކުރާ އެންމެން މި ދައުރުގެ ތެރޭގައި ޙައްޖަށް ފޮނުވައި ނިންމުމަކީ ސަރުކާރުގެ އަމާޒެއް،" އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފަރުޟު ޙައްޖު އަދާނުކޮށް ތިބި 376 މީހުންނަށް މި ފުރުސަތު ލިބިގެންދާއިރު، މިއީ ސަރުކާރުން ފަޤީރުންނަށް ދެމުންގެންދާ އެހީތެރިކަމުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމެވެ.
ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން މި ކުރާ މަސައްކަތަކީ އިސްލާމްދީނުގެ އެންމެ މަތިވެރި އަޅުކަމެއް ކަމުގައިވާ ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.