ތަންފީޒީ ދާއިރާތަކުގައި މަސައްކަތްކުރާ އަންހެނުންގެ ހިތްވަރާ ޢަޒުމަކީ، ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ލިބޭ ބޮޑު ކުރިއެރުމެއް: ދާޚިލީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 44ސ
ތަންފީޒީ ދާއިރާތަކުގައި މަސައްކަތްކުރާ އަންހެނުންގެ ހިތްވަރާ ޢަޒުމަކީ، ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ލިބޭ ބޮޑު ކުރިއެރުމެއް: ދާޚިލީ ވަޒީރު

ތަންފީޒީ ދާއިރާތަކުގައި މަސައްކަތްކުރާ އަންހެނުންގެ ހިތްވަރާ ޢަޒުމަކީ، ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ވިމެން އިން ޕޮލިސިން ސަމިޓްގައި، ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް އިމިގްރޭޝަން އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ހިމެނޭހެން އެ އިދާރާތަކުގެ މެދުގައި "ދި އިންޓަރ އެޖެންސީ ޑިކްލަރޭޝަން އޮން ލީޑަޝިޕް ކެޕޭސިޓީ ޑިވެލޮޕްމަންޓް އޮފް ވިމެން އިން ސެކިއުރިޓީ އެންޑް އެންފޯސްމަންޓް ސެކްޓަރ އޮފް ދަ މޯލްޑިވްސް" އެއްބަސްވުމުގައި ސޮއިކުރެވުނެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ތަންފީޒީ އިދާރާތައް ގުޅިގެން ފަށާފައިވާ މި މަސައްކަތަކީ، ރާއްޖޭގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ދާއިރާގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތު ހޯދައިދީ ކުރިއަރާ ދިއުމަށް ހުޅުވައިދޭ ވަރަށް މުހިންމު ދޮރެއް ކަމަށެވެ.

ވަޒީރު އަލީ އިޙްސާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ތަންފީޒީ ދާއިރާތަކުގައި މަސައްކަތްކުރާ އަންހެނުންގެ ހިތްވަރާއި ޢަޒުމުގެ ސަބަބުން، އެފަދަ މަޤާމުތަކުގައި އަންހެނުންނާ މެދު މުޖުތަމަޢު ދެކެމުން އައި ގޮތް ބަދަލުވެ، އަންހެނުންނަކީވެސް ލީޑަޝިޕްގެ ބޮޑެތި ޒިންމާތައް އަދާކުރެވޭ ބައެއްކަން ސާބިތުކޮށްދެމުންދެއެވެ.

"ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަކީ ސަރުކާރު އަދި ރައީސްގެ ބޮޑު ތަޞައްވުރެއް. ޒަމާނީ ތަމްރީންތަކާ ތައުލީމާ، ކުރިއަރާ ދިއުމުގެ ފުރުޞަތު މިފަދަ އިދާރާތަކުގެ އަންހެން މުވައްޒަފުންނަށް މިވަނީ ފަހިވެފައި. އަދި ވަރަށް ގިނަ އިސްލާހުތަކާ ހެޔޮ ބަދަލުތައް މުޅި ދާއިރާއަށް ދަނީ ގެންނަމުން،" ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، މިއީ ޖިންސުގެ ތަފާތުކުރުންތައް ނައްތާލައި، ހަމަހަމަ ފުރުޞަތަކަށް ސަރުކާރުން ދޭ އިސްކަން ހާމަވާ ކަމެއްކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން