ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފައިވަނީ، އިއްޔެ ރޭ މާލޭގައި އެމްޑީޕީން ބޭއްވި އެއްވުން ހުއްޓުވުމަށް ބޭނުންކޮށްފައިވާ ބާރަކީ، އެފަދަ ހާލަތްތަކުގައި ބޭނުންކުރުމަށް ގަވާއިދުގައި ހުއްދަކޮށްފައިވާ ބާރުތަކެއް ކަމަށެވެ.
ފުލުހުން ބުނީ، އެމްޑީޕީގެ އެއްވުމުގެ ބައިވެރިން، ކުރިން އެއްބަސްވެފައިވާ ގޮތާ ޚިލާފަށް މަޖީދީމަގުން ދިއުމަށް މަސައްކަތްކުރުމުން، އެކަން ހުއްޓުވުމަށް ނަސޭހަތްތެރިވެ އިލްތިމާސްކުރި ނަމަވެސް، އެއްވުމުގެ ބައިވެރިން އެކަމަށް އިޖާބަ ނުދިނުމުންނެވެ. އަދި އެއްވުމުގެ ބައިވެރިން ފުލުހުންނާ ކުރިމަތިލައި، ބެރިކޭޑްތައް ނަގައި އެއްލާލުމާއި، ފުލުހުންގެ ޝީލްޑް އަތުލުމަށް މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ސުލްހަވެރި އެއްވުމެއްގެ ސިފަ، އެއްވުމުގެ ބައިވެރިންގެ ޢަމަލުތަކުން ގެއްލިފައިވާ ކަމަށެވެ. އަދި މާލޭގައި އެއްވުން ބޭއްވުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުން ބޭރުގައި އެއްވުން ކުރިއަށް ގެންދިއުމަށް މަސައްކަތްކުރުމުން، ޤާނޫނު ނެގެހެއްޓުމުގެ ގޮތުން އެއްވުން ހުއްޓުވާފައިވާ ކަމަށެވެ.
ފުލުހުން ވަނީ އެއްވުން ހުއްޓުވުމުގައި ބާރުގެ ބޭނުންކޮށްފައިވަނީ، ފުލުހުންގެ ޚިދުމަތުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުން ލިބިދޭ ޤާނޫނީ ބާރާއި އިޚްތިޔާރުގެ ދާއިރާގެ ތެރެއިން ކަމަށް ބުނެފައެވެ. މީގެ ތެރޭގައި ހަތިޔާރު ހޯދުމާއި ގެންގުޅުމާއި ބޭނުންކުރުމުގެ ގަވާއިދާއި، ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިޚްތިޔާރުގެ ބޭނުންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު ހިމެނެއެވެ.
ފުލުހުން އަދި ބުނެފައިވަނީ، އެއްވުން ހުއްޓުވުމުގައި ބާރުގެ ބޭނުންކޮށްފައިވަނީ ކެތްތެރިކަމާއި ޕްރޮފެޝަނަލްކަމާއެކު ކަމަށާއި، ބާރުގެ ބޭނުންކުރުމުގައި ނަގަހައްޓަންޖެހޭ އަސާސްތައް ނަގަހައްޓާފައިވާނެ ކަމަށެވެ.