އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގައި ހާޓް އެޓޭކް ޖެހުނު މީހާގެ ހާލު މިހާރު ރަނގަޅު ކަމަށާއި، އޭނާ މިވަގުތު ވަނީ ސީސީޔޫ ގައި އެޑްމިޓްކޮށްފައި ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން މިއަދު ހާމަކޮށްފިއެވެ.
މިކަމާ ގުޅިގެން އައިޖީއެމްއެޗުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، މުޒާހަރާގެ ބައިވެރިއަކަށް މޭގައި ރިއްސައި، އެކިއުޓް މަޔޯކަރޑަލް އިންފާކްޝަން (އެމްއައި ނުވަތަ ހާޓް އެޓޭކް) އެއް ޖެހުނު ހާދިސާއާ ގުޅޭގޮތުން އާންމުންގެ ހުރި ކަންބޮޑުވުންތައް އެ ހޮސްޕިޓަލުގެ ސަމާލުކަމަށް ގެނެވިފައިވާ ކަމަށެވެ.
އައިޖީއެމްއެޗުން ދެއްވި މައުލޫމާތުގައި، ހާޓް އެޓޭކެއް އާންމު ގޮތެއްގައި ޖެހެނީ ޞިއްޙީ ކޮންމެވެސް ސަބަބަކާ ހެދި ލޭހޮޅިތައް ނުވަތަ ލޭ ހޮޅިއެއް ބެދި، ހިތުން ބަޔަކަށް ލޭ ފޮނުވުމަށް އަންނަ ހުއްޓުމަކާ ގުޅިގެން ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިއީ އާންމުކޮށް ބަލިމީހާގެ ހުންނަ، ޞިއްޙީ އެހެން މައްސަލައެއް ނުވަތަ މައްސަލަތަކެއްގެ ސަބަބުން ދިމާވާ ކަމެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
މުޒާހަރާގައި ބޭނުންކުރި ޕެޕަރ ސްޕްރޭއާ ގުޅޭގޮތުން އައިޖީއެމްއެޗުން ބުނެފައިވަނީ، އެއީ ސީދާ އޭގެ ޒާތުގައި ހާޓް އެޓޭކެއް ޖެހޭފަދަ އެއްޗެއް ނޫން ކަމަށެވެ. ނަމަވެސް ޕެޕަރ ސްޕްރޭ ޖެހުމުން ވަގުތީ ގޮތުން ނޭވާލަން އުނދަގޫވެ، ކެއްސުން ފަދަ "ސްޓްރެސް ރެސްޕޮންސް" ތަކެއް އަތުވެދާނެ ކަމަށް ބުނެފައިވެއެވެ.
އެހެންނަމަވެސް، ތަފާތު ގޮތްގޮތުން އުފުލާ ބުރައިގެ ސަބަބުން، ކުރިން ޞިއްޙީ މައްސަލައެއް ހުންނަ މީހަކަށް ހާޓް އެޓޭކެއް ޖެހުން ފަދަ ކަމެއް ދިމާވެދާނެ ކަމަށް ވެެސް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.