ދަރިންގެ މަންމަ ދަރިންބަލަމުން އޭނާއަށްވެވުނު ވަރަކަށް ޚިދުމަތްކުރަނިކޮށް ލޯބިހޯދަން އިތުރު އަންހެނުންނާ ގުޅޭ ފިރިހެނުންނަށް ރަނގަޅު ފިލާވަޅަކަށްވާނެ ޙާދިސާއެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 56ސ
ދަރިންގެ މަންމަ ދަރިންބަލަމުން އޭނާއަށްވެވުނު ވަރަކަށް ޚިދުމަތްކުރަނިކޮށް ލޯބިހޯދަން އިތުރު އަންހެނުންނާ ގުޅޭ ފިރިހެނުންނަށް ރަނގަޅު ފިލާވަޅަކަށްވާނެ ޙާދިސާއެއް! އިން ޝާ ﷲ

އަޅުގަނޑަކީ 10 އަހަރުން ދަށުގެ 3 ކުދިން ބަލަމުން ގޭގެ ހުރިހާ މަސައްކަތެއް ކުރަމުން އަންނަ އަންތބަކީމެވެ. އެސައްކަތް ކުރަމުން ފިރިމީހާ ބޭނުންވާ ފެންވަރަށް ޚިދުމަތް ނުކުރެވޭތީ މިހާރު އަންނަނީ ވަރިކުރާނެ ކަމުގެ އިންޒާރުދެމުންނެވެ. އަޅުގަނޑުގެ ފިރިމީހާ ދެކެ ވަރަށް ލޯބިވަމެވެ. ވަކިވާކަށް ބޭނުމެއް ނޫނެވެ. މިޙާލަތުގައި ދެން އަޅުގަނޑަށް ކުރެވޭނީ ކޮން ކަމެއްތޯ؟  

ސުވާލުކުރެއްވި ކިޔުންތެރިޔާއަށް ދަންނަވާލަން އޮޓި ތިއައީ ވަރަށް ގިނައިން ލިބޭ ސުވާލެކެވެ. ކެތްތެރިވެލައްވައިގެން އިންނަވައި ވީހާ ރަނގަޅަކަށް ކަންކަން ކުރައްވަމުން ގެންދަވާށެވެ. ރޭއަޅުކަންކޮށް ދުޢާވެސް ކުރާށެވެ! ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވައި ފިރިމީހާއަށް ޙިއްޞާވެސް ކޮސްލާށެވެ! ފަހަރެއްގައި ވިސްނުން ބަދަލުވެސްވެދާނެއެވެ. އިން ޝާ ﷲ

އެލިޔުމުގައި އެވަނީ ހަމަ ތިއަފަދަ ކަމެއްގައި ކުރިން ކިޔުންތެރިއަކު ކުރައްވާފައި އޮތް ސުވާލަކާއި ސުޥާލަށް ދިން ޖަވާބާއި އަދި ގުޅުންހުރި ޢިބްރަތްތެރި ޙާދިސާއެއްގެ ވާހަކައެވެ.   

އަޅުގަނޑަކީ 27 އަހަރުގެ އަންހެނަކީމެވެ. 7 އަހަރުން ދަށުގެ 3 ދަރިންގެ މަންމައަކީމެވެ. ފިރިމީހާ އާއި 3 ދަރިންގެ އިތުރުން ފިރިމީހާގެ މަންމަ އާއި ބައްޕަވެސް ބަލަހައްޓަމެވެ. ފަތިހުންސުރެ މަސައްކަތްކުރަމުންގޮސް އިރުއޮއްސި ކުދިންނިންދެވޭވަރުވާއިރު ހުންނަނީ ވަރުބަލިވެގެން ހަލާކުވެފައެވެ. ގިނަ ރޭރޭ ނިދެނީ ނުވެސްކައި ކުދިން ނިންދަވަން އޮއްވައެވެ.  

މިކަންކަން ފިރިމީހާއަށް އެނގޭކަމަކަށް ނުހަދައެވެ. އޭނާގެ ހިތްފުރައި ނުދެވޭކަމުގެ ޝަކުވާކުރަމުންގޮސް މިހާރު އުޅެނީ 2 އަންތބަށް ކައިވެނިކުރާށެވެ! އެއީ އޭނާ ބޭނުންވާ ފެންވަރަށް އަޅުގަނޑަށް ޚިދުމަތްކޮށް ނުދެވޭތީޔޯލައެވެ.  

އަޅުގަނޑުގެ ސުވާލަކީ އަނބިންނަކީ މެޝީންތަކެއް ނޫނީ ރޮބޮޓްތަކެއް ނޫންކަން ފިރިންނަށް ވިސްނައިދޭން ކުރެވޭނީ ކޮންކަމެއްތޯއެވެ؟ މިބާވަތުގެ ފިރިންނަށް އަނބިމީހާ ކޮށްދޭ ޚިދުމަތް ހަމަ ވަޒަން ނުކުރެވެނީތޯއެވެ؟ ނޫނީ ބަހަނާޢެއް ދައްކައިގެން އިތުރަށް އުފާ ހޯދަން މަސައްކަތްކުރަނީ ނޫންބާވައެވެ! 

ކިޔުންތެރިޔާ ތިއަ ފާހަގަކުރައްވަނީ ވަރަށް ގިނަ އަނބިންގެ ފަރާތުން ލިބޭ ޝަކުވާއެކެވެ. ތިރީގައިވާ ލިޔުމަކީ ތިއަ ބާވަތުގެ ފިރިއަކު އިޞްލާޙްވުމަށްފަހު ކިޔައިދީފައިވާ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ.  

އަހަރެމެންގެ ކައިވެންޏަށް 6 އަހަރެވެ. 4 އަހަރުގެ ކުޑަ ދަރިފުޅަކުވެސް ހުރެއެވެ. އަހަރެންނަށް ކޮށްދޭންޖެހޭ ކަންކަން އަނބިމީހާ ކޮށްދެއެވެ. ނަމަވެސް އަހަރެންނާއި އަޅާލަން ޖެހޭވަރަށް އަޅައިލެވޭ ކަމަށް ޤަބޫލެއް ނުކުރެވެއެވެ.  

އެހެންވެ އެހެން ކުއްޖަކު ދެކެ ލޯބިވާން ފެށުނެވެ. އޭނާ އަހރެންނަށް ލޯބިދެއެވެ. އަހަރެންގެ ކަންކަމަށް އަޅައިލައެވެ. އެހެންވެ އަނބިމީހާގެ ކިބައިން އުނިވާބައި އޭނާގެ ކިބައިން ލިބޭނެ ކަމަށް ޔަޤީންކުރެވުނެވެ.  

އެކަން އަނބިމީހާއަށް ފަޅާއެރުމުން ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހެން ފެށިއެވެ. ޒުވާބުވެސް ކުރެވެން ފެށިއެވެ. އެގޮތުން ކުރެވުނު ޒުވާބެއްގެ ތެރެއިން އަނބިމީހާ ދޫކޮށްލާފައި ލޯބިވެރިޔާއާއިއެކު ދިރިއުޅެން އޭނާގެ ގެއަށްދާން ނިންމީމެވެ.  

ކާރުގައި އެގެއަށްދަނިކޮށް ފެނުނީ އެކްސިޑެންޓެއްވެގެން އުޅޭތަނެވެ. ފިރިމީހާ އޮތީ ވަރަށްބޮޑަށް ޒަޚަމްވެފައެވެ. އަނބިމީހާ ކައިރީގައި ހުރެގެން ވަރަށް ބާރަށް ރޮނީއެވެ. އެތަން ފެނުމުން މިސްރާބް ބަދަލުކޮށްލާފައި ދިއައީ އަހަރެންގެ ރަޙްމަތްތެރިއަކު ހިންގާ ހޮސްޕުޓަލަކަށެވެ.  

ގޮސް އެނާލައްވައި ލޯބިވެރިޔާއަށް ފޯނުކުރުވީމެވެ. "ތިބާގެ ލޯބިވެރިޔާ ވަރަށް ބޮޑު އެކްސިޑެންޓެއްވެގެން ގެނެސްފައި އެބައޮތް. މިނަންބަރު ފެނުނީ އޭނާގެ ފޯނުން. "މައި ލަވް" ޖަހާފައި ސޭވްކޮށްފަ އިނީ. ހީވަނީ ގަދަވިނަމަވެސް މުޅި އުމުރަށްވެސް އޮންނަން ޖެހޭނީ ވާގިނެތް މީހެއްގެ ގޮތުގައި އެނދުގައިހެން."  

އޭނާގެ ޖަވާބަކަށްވީ "ގުޅައިގެން ތިއައުޅެނީ ނުބައި ނަންބަރަކަށް! ދެން ނުގުޅާތި" އެވެ. ފޯނު ކަނޑާލުމުން އަލުން ގުޅިއިރު ނަންބަރު ހުރީ ބްލޮކްކޮށްފައެވެ.  

ރަޙްމަތްތެރިޔާ އަހަރެންގެ އަނބިމީހާއަށް ފޯނުކޮށްފައި ހަމަ އެ މެސެޖް ދިނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާ ހުރީ ހޮސްޕިޓަލުގައެވެ. އެއިރު އަހަރެން އޮތީ ގައިމަތީގައި ބެޑްޝީޓްތަކެއް އަޅައިގެން ކޯމާއެއްގައި ކަމަށް ހެދިގެންނެވެ. އަނބިމީހާ އައިސް އެނދުގައި އިށީނދެ އަޑުން އަޑުނަގައި ރޯންފެށިއެވެ. އަދި ބުނަން ފެށިއެވެ. "އިބްރާހީމްއެވެ. އަހަރެން ތިބާދެކެ އިންތިހާއަށް ލޯބިވަމެވެ. އަހަރެން ތިބާއަށް ފަރުވާކުޑަކުރީއެއް ނޫނެވެ. ދަރިފުޅު ބަލަމުން މަންމަގެ ކަންކަންވެސް ކުރަންޖެހުމުން ބުރަވީއެވެ. އެކަން ތިބާއަށް ނުވިސްނުނީއެވެ. ތިބާ ނެތް ދުނިޔެއެއް ބޭނުމެއްވެސް ނޫނެވެ. އަހަރެމެން ދެމައިން ދޫކޮށްލާފައި ނުދާށެވެ! އެނބުރިއަންނާށެވެ!"  

އެހިސާބުން އަހަރެންނަކަށް ކެތެއް ނުކުރެވުނެވެ. ރޮވިއްޖެއެވެ. ތެދުވެ ބައްދައިވެސް ލެވިއްޖެއެވެ. އަދި އަހަރެންނަށް ކަންކަން ކުރެވުނު ގޮތާއިމެދު މާފަށްވެސް އެދުނީމެވެ. އަދި ފޯނުކޯލުގެ ޙަޤީޤަތްވެސް ކިޔައިދިނީމެވެ. އަދި ދެން ދުވަހަކުވެސް އެހެން އެއްވެސް އަންހެނަކު ދެކެ ލޯބިނުވާނެ ކަމަށް ވަޢުދުވެސްވީމެވެ.  

އެހިސާބުން ރަޙްމަތްތެރިޔާއަށް ޝުކުރުއަދާކޮށްފައި ކާރުގައި ގެއަށް ދިއައީއެވެ. ދިރިއުޅެމުން މިދަނީ ހަމަ ހިތްހަމަޖެހިގެން އުފަލުގައެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

 

--ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން