އެއީ ތަނަވަސް ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ދަރިފުޅަށްވަނީ ކުރާނެ އަމިއްލަ ވިޔަފާރިއެއްވެސް ފަށައިދީފައެވެ. 3 މައިންގެ ގުޅުން އިންތިހާއަށް ރަނގަޅެވެ. ޢާއިލާގައި ފުރިހަމައަށް ލޯބިއޮވެއެވެ.
މައްސަލައަކަށްވީ މަންމައާއި ބައްޕަގެ ރަޙްމަތްތެރި، ހަމަ އެމީހުންފަދަ ތަނަވަސް މީހެއްގެ ދަރިއަކާއި ކައިވެނިކުރުވަން އުޅުމުންނެވެ. ދަރިފުޅުގެ ވިސްނުމުގައި ހުރީ ތަނަވަސްކަން ހުރި ކުއްޖަކާއި ކައިވެނިކޮށްގެން އޭނާ ބޭނުންވާ ލޯބި ނުލިބޭނެ ކަމެވެ. އޭނާއަށް ބޭނުންވާ ލޯބި ލިބޭނީ ނިކަމެތި ކުއްޖަކާއި ކޮށްގެން ކަމަށެވެ.
3 މައިންގެ މެދުގައި މަޝްވަރާކޮށް ގޮތެއް ނިންމިއެވެ. އެއީ ދަރިފުޅު ބޭނުންވާ ޒާތުގެ ކުއްޖަކު ހޯދައި 2 މަސްދުވަހުގެ ތެރޭގައި ގެނެސް މައިންބަފައިންނަށް ދެއްކުމެވެ. އަދި އެކުއްޖާ އިޚްތިޔާރުކުރި ސަބަބު ކިޔައިދިނުމެވެ.
ޒުވާނާ މަސައްކަތް ނިންމާފައި ކޮންމެ ދުވަހަކު ފަޤީރެއްގެ ހެދުން ލައިގެން ޕާކުތަކުގައި ހިނގަން ފެށއެވެ. މިގޮތަށް ހިނގުމުގެ ތެރެއިން އަންހެން ކުއްޖަކާއި ބައްދަލުވެ ގުޅުން އުފައްދައި ކައިވެނިކުރިއެވެ. ކައިވެނިކޮށްގެން އެގެއަށް ދަނީ ރޭގަނޑުއެވެ. ގެއަށް ދިއުމަށްފަހަކު ބޭރަކަށް ނުނުކުމެއެވެ. އެހެންވެ މީހުންނަކަށް ނުވެސް ފެނެއެވެ. ފަތިސްވާއިރަށް ތެދުވެ މަސައްކަތުދެއެވެ. ބުނަނީ އަދާކުރާ ވަޒީފާއަކީ މަސައްކަތު މީހެއްގެ ވަޒީފާ ކަމަށާއި އެހެންވެ ފަތިހާ މަސައްކަތުދާންޖެހެނީ ކަމަށެވެ.
ދެމަސްވާން ވަރަށް ކައިރިވެފައި ވަނިކޮށް އަނބިމީހާ އެއްދުވަހު އޮފީސް ނިމިގެން ނުކުތްއިރު ފިރިމީހާ އެތަނުގައި ހުއްޓެވެ. ބުނީ މިއަދު ފުރަތަމަ އޭނާއާއިއެކު ގެއަކަސް ގޮސްލައިދނުމަށް އެދޭ ކަމަށެވެ. އަނބިމިހާ ރުހުމުން ގޮވައިގެން ޓެކްސީއެއްގައި ގެއަށް ގެންގޮސް ލޯބިވެރިއެއްގެ ގޮތުގައި މައިންބަފައިންނަށް ތަޢާރްފްކޮށްދިނެވެ.
އަނބިމިހާ ހުރީ ޙައިރާންވެފައެވެ. މައިންބަފައިން އެހައި ތަނަވަސްވެފައި އެހައި އަގުބޮޑު ގެއއެއް ހުރެފައި އެހައި އަގުބޮޑު ފޭރާމުގައި ތިބިއިރު ދަރިފުޅޅަށް މިހައި ނިކަމެތި ގޮތަކަށް އުޅެންޖެހޭ ސަބަބާއިމެދުގައެވެ. ނަމަވެސް އެއްވެސް ސުވާލެއް ނުކުރެއެވެ.
ބައިވެރިއަކަށް އޭނާގެ ޝަރުޠު ހަމަވިގޮތް ކިޔައިދޭން ފެށިއެވެ. ފަޤީރެއްގެ ގޮތުގައި އޭނާ ބަލައިގަތީތީއެވެ. އަނބިމީހާއަށް ލިބޭ މުސާރައިން އޭނާއަށް ޚަރަދުކޮށް ފޭރާންވެސް ގަނެދިނީތީއެވެ. އޭނާގެ ގަހަނާ ވިއްކާފައިވެސް ކަންކަން ކޮށްދިނީތީއެވެ. އަދި މިވަޤުތާއި ހަމައަށްވެސް އޭނާގެ ޙަޤީޤަތް އަނބިމީހާއަށް ނުއެނގޭނެއިރުވެސް އެހައި ލޯބިން އެކުގައި އުޅޭތީއެވެ.
މަންމައާއި ބައްޕައަށް ބުނެވުނެވެ. "ދަރިފުޅާއެވެ! މަންމަމެން ރުހި ޤަބޫލުވެއްޖައިމެވެ. އަވަހަށް ކައިވެނިކުރާށެވެ! އެކަމަކު ދަރިފުޅުގެ ތިއަހުރި ބުއްދިވެރި ވިސްނުން ދަރިފުޅުގެ ކިބައިގައި ހުންނާނެ ކަމަކަށް މަންމަމެންނަށް މިހައިތަނަށް ވިސްނިފައެއްވެސް ނެތެވެ."
ދެމަފިރިން ތިބީ ކައިވެނިކޮށްގެން ނަމަވެސް މަންމަމެން ރުއްސަން "ޑަމީ" ކައިވެންޏެއް ވެސް ކުރިއެވެ. އަނބިމިހާއަކީ ކުލީ ކޮޓަރިއެއްގައި އެކަނި އުޅޭ އެއްވެސް ބެލެނިވެރިއަކު ނެތް ނިކަމެތި އަންހެނަކަށްވުމުން ކުރިން ކައިވެންޏެއް ކުރިކަން އެކައިވެނިކޮށްދިން ޤާޟީއަށް ނޫނީ ނުއެނގެއެވެ. ޑަމީ ކައިވެންޏެއްގެ ގޮތުގައި އަލުން ކައިވެނިކުރުވީވެސް އޭނާ އެއްބަސްކުރުވައިގެން އޭނާ ލައްވައެވެ. އެކައިވެނީގައި މިހާރު 20 އަހަރުވެސް ފާއިތުވެގެން ހިނގައްޖެއެވެ. ދެމަފިރިންގެ ލޯތްބަށް އެއްވެސް ބަދަލެއް ނައުދެއެވެ.
އަންހެނަކަސް އަދި ފިރިހެނަކަސް ތެދުވެރި ލޯބިން ލޯބިވާނަމަ މިބާވަތުގެ ކިތަންމެ ރަޙްމަތެއްވެސް ލައްވަވާނެތެވެ. މައްސަލައަކަށް ވެގެން މިއުޅެނީ ތެދުވެރިން މަދުވުމެވެ.
- ޒުހޭރާ / މިއަދުނޫހުގެ ކިޔުންތެރިއެއް